ކޯނީގެ ސެކްރެޓޭރިއަޓްގައި މަސައްކަތް ކޮށްދެއްވި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަނދާނީ ލިޔުން ދެއްވައިފި

3/9/2012
IMG_1955

ކޮމިޝަން އޮފް ނޭޝަނަލް އިންކުއިރީ (ކޯނީ) ގެ ސެކްރެޓޭރިއަޓްގައި މަސައްކަތް ކޮށްދެއްވި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް އެކަމުގެ އަގު ވަޒަންކޮށް ހަނދާނީ ލިޔުން ދެއްވައިފިއެވެ.

މިއަދު، 2 ސެޕްޓެމްބަރ 2012، ސިވިލް ސަރވިސް ކޮމިޝަންގައި މިކަމަށްޓަކައި ބޭއްވުނު ރަސްމިއްޔާތުގައި އެ މުވައްޒަފުންނަށް ހަނދާނީ ލިޔުން ދެެއްވީ ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް އަލްފާޟިލް މުޙަންމަދު ފަހުމީ ޙަސަން އެވެ.

ރަސްމިއްޔާތު ފައްޓަވައި ދެއްވުމުގެ ގޮތުން ފަހުމީ ދެއްކެވި ވާހަކަފުޅުގައި ޤައުމުގެ މިފަދަ މުހިއްމު މަސައްކަތެއްގައި ސިވިލް ސަރވިސްގެ މުވައްޒަފުން އަދާ ކުރެއްވި ދައުރާމެދު ފަޚުރުވެރި ވާކަމަށާއި އެއީ މުޅި ސިވިލް ސަރވިސްއަށް ލިބުނު ފަޚުރެއްކަމުގައި ވިދާޅުވިއެވެ. އަދި އިންކުއިރީ ކޮމިޝަންގެ މަސައްކަތުގައި ސެކްރެޓޭރިއަޓްގެ ބޭފުޅުން ގެންގުޅުއްވި ސިއްރު ހިފެހެއްޓުމުގެ ރިވެތި އާދަ ފާހަގަ ކުރެއްވާ އަދި މީގެފަހުގައިވެސް އެ ސިއްރުވެރިކަން ދެމެހެއްޓުމަކީ ޤައުމީ މަސްލަހަތު އެބޭފުޅުންގެ މައްޗަށް ވާޖިބުކުރާކަމެއްކަމުގައި ވިދާޅުވިއެވެ. އަދި މިމަސައްކަތަށް އެބޭފުޅުން ދޫކުރެއްވިކަމަށްޓަކައި އެބޭފުޅުން ނިސްބަތްވާ އޮފީސްތަކުގެ ޕަރމަނަންޓް ސެކްރެޓެރީންނަށް ޝުކުރު ދެންނެވިއެވެ.

އަދި ކޯނީގެ ސެކްރެޓޭރިއެޓްގެ މަސައްކަތް ކުރިއަށް ގެންދެވުމުގައި ސިވިލް ސަރވިސް ކޮމިޝަނުގެ ސެކްރެޓޭރިއެޓްގެ ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި އެމަސައްކަތްތައް ކުރެއްވި މުވައްޒަފެއް ކަމުގައިވާ އަލްފާޟިލާ ޛުލައިޚާ ޢަލީއަށްވެސް ޝުކުރު ދެންނެވިއެވެ.

މި ރަސްމިއްޔާތުގައި ކޯނީގެ ފަރާތުން ވާހަކުފުޅުދެއްކެވީ ހެޑް އޮފް ސެކްރެޓޭރިއެޓް އަހުމަދު އަލި މަނިކު (ކެނެޑީ) އެވެ. އަލިމަނިކުގެ ވާހަކަފުޅުގައިވެސް ސެކްރެޓޭރިއަޓް ގެ މަސައްކަތަށް ތައުރީފް ކުރެެއްވިއެވެ. އަދި ދަންނަވާލެއްވި ކޮންމެ ގަޑިއެއްގައިވެސް ފަސްނުޖެހި ހުރިހާ ބޭފުޅުން ސެކްރެޓޭރިއަޓްގެ މަސައްކަތުގައި އުޅުއްވިކަމާއި އަދި ކޯނީއަށް އެހީތެރިކަން ދެއްވި ބޭރުގެ ދެ އެޑްވައިޒަރުން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ވަހީދުއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައިވެސް ސެކްރެޓޭރިއަޓްގެ މަސައްކަތް ފާހަގަ ކުރެއްވިކަމަށް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ސެކްރެޓޭރިއަޓްގައި މަސައްކަތް ކުރެއްވި ބޭފުޅުން ނިސްބަތްވާ އޮފީސްތަކުގެ ޕަރމަނަންޓް ސެކްރެޓެރީންނާއި، ސިވިލް ސަރވިސް ކޮމިޝަން ގެ މެމްބަރުންގެ އިތުރުން ކޮމިޝަންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.