ނަންބަރު: 57/2008/B-188

އިޢުލާން


ދިވެހި ސިވިލް ސަރވިސްގައި ހިމެނޭ އެއްވެސް މުވައްޒަފަކު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އެއްވެސް ކެންޑިޑޭޓަކާ އެއްކޮޅަށް ނުވަތަ ދެކޮޅަށްކެންޕޭން ކުރުމަކީ މަނާކަމެއްކަން ހަނދާންކޮށްދިނުން

ދިވެހި ސިވިލް ސަރވިސް ގައި ހިމެނޭ އެއްވެސް މުވައްޒަފަކަށް ސިޔާސީ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވެވޭނެކަމަށް ދިވެހި ސިވިލް ސަރވިސް ގެ ޤާނޫނުގެ 53 ވަނަ މާއްދާގައި ބަޔާންކޮށްފައި ވާކަމާއި ދިވެހި ސިވިލް ސަރވިސްގައި ހިމެނޭ އެއްވެސް މުވައްޒަފަކު އެ ޤާނޫނުގެ 77 ވަނަ މާއްދާގައި ބުނާފަދަ ސިޔާސީ ހަރަކާތެއްގައި ބައިވެރިވުމަކީ މަނާކަމެއްކަން އަންގައި 02 މާރޗް 2008 ގައި ވާނީ އާންމުކޮށް އިޢުލާން ކޮށްފައެވެ. ސިޔާސީ ޙަރަކާތަކީ ކޮބައިކަމާއި، ކަމާބެހޭ އިތުރު ތަފުސީލުތައް އެ އިޢުލާނުގައި ހިމަނާއިފައި ވާނެއެވެ. އަދި މި އިޢުލާނުގައި ޙަވާލާދެވޭ ޤަވާއިދު އާންމު ކުރެވި ސަރުކާރުގެ އޮފީސްތަކާ ޙިއްސާކުރެވި، މި ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv  ގައި ޝާއިޢުކޮށްފައި ވާނެއެވެ.

ދިވެހި ސިވިލް ސަރވިސް ގެ ޤާނޫނުގެ 77 ވަނަ މާއްދާގައި ތަފުސީލު ކޮށްދީފައިވާ ގޮތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުގައިވާ ގޮތުގެމަތިން ބާއްވާ އެއްވެސް އިންތިޚާބެއްގައި ބައިވެރިވާ ކެންޑިޑޭޓަކަށް ތާއީދުކުރުމުގެ ގޮތުންނާއި ތާއީދު ހޯދުމުގެގޮތުން ނުވަތަ ކެންޑިޑޭޓަކާ ދެކޮޅަށް އެއްވެސް މަސައްކަތެއް ދިވެހި ސިވިލް ސަރވިސް ގައި ހިމެނޭ އެއްވެސް މުވައްޒަފަކަށް ނުކުރެވޭނެއެވެ. މިގޮތުން ކެމްޕޭން ކުރުމަށް ބާއްވާ ހިނގާލުމެއް، ނުވަތަ މުޒާހަރާއެއް، ނުވަތަ ފުޅަނދު ބުރެއް ގައި ބައިވެރިވުމާއި، އެފަދަ ކަމެއް ރޭވުމުގައި ޢަމަލީގޮތުން ބައިވެރިވުމާއި، އެއިން ކަމަކަށް ހޭދަކުރުމަކީ ދިވެހި ސިވިލް ސަރވިސް ގައި ހިމެނޭ މުވައްޒަފުންނަށް މަނާ ކަންކަމެވެ.

އިންތިޚާބެއްގައި ބައިވެރިވާ ކެންޑިޑޭޓަކަށް ތާއީދުކޮށް މަސައްކަތް ކޮށްދިންކަން ނުވަތަ ކެންޑިޑޭޓަކާ ދެކޮޅަށް އެއްވެސް މަސައްކަތެއް ކުރިކަން މި ކޮމިޝަނަށް ސާބިތުވެއްޖެނަމަ، އެ މީހަކު އެ ކުރި އަމަލަކަށް ބަލައި، އަދި އެމީހަކު އަދާކުރާ ވަޒީފާއާއި އެމީހެއްގެ ޒިންމާއަށް ބަލައި، އެކަށޭނަ ފިޔަވަޅެއް އެމުވައްޒަފަކާ މެދު މި ކޮމިޝަނުން އަޅަން މަޖުބޫރުވެއެވެ. މިގޮތުން އެޅޭ ފިޔަވަޅުތަކުގެ ތެރޭގައި އެ މީހަކު އަދާކުރާ ވަޒީފާގެ ފަންތި ދަށްކުރުމާއި ވަޒީފާއިން ވަކިކުރުން ވެސް ހިމެނެއެވެ.

އިންތިޚާބެއްގައި ބައިވެރިވާ ކެންޑިޑޭޓަކަށް ތާއީދުކޮށް މަސައްކަތް ކޮށްދިނުމަށް އެއްވެސް ފަރާތަކުން ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފަކަށް ނޭންގޭނެއެވެ. އަދި އެފަދަ އެންގުމަކަށް ޢަމަލު ނުކުރުމުގެ ސަބަބުން ދިވެހި ސިވިލް ސަރވިސް ގައި އެ މީހަކު އަދާކުރާ ވަޒީފާއަކަށް އެއްވެސް އުނިކަމެއް ނުގެނެވޭނެއެވެ. ހަމަ އެހެންމެ އެފަދަ މަޖުބޫރުކަމެއް ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފަކަށް ކުރިމަތި ވާނަމަ އެކަން އެ މުއައްޒަފު މަސައްކަތް ކުރާ ދާއިރާގެ ޕަރމަނަންޓް ސެކްރެޓެރީއަށް ނުވަތަ މި ކޮމިޝަނަށް އަންގަވަން ވާނެއެވެ.

ޤާނޫނުއަސާސީންނާއި ޤާނޫނުން ދިވެހި ސިވިލް ސަރވިސް މުސްތަޤިއްލު މުއައްސަސާއެއްގެ ގޮތުގައި ހަމަޖައްސާފައިވާއިރު، އެ މުއައްސަސާގެ މުސްތަޤިއްލުކަމާއި މަގުސަދު ބިނާވަނީ ދިވެހި ސިވިލް ސަރވިސްގައި ޚިދުމަތްކުރާ މުވައްޒަފުންނަކީ ތެދުވެރިކަމާއި ޢިޚްލާޞްތެރިކަމާއެކު، ވަކިފަރާތެއްގެ ރުހުން ހޯދުމަށް މަސައްކަތްކުރުމެއްނެތި، އެންމެހައި ސިޔާސީ ނުފޫޒުތަކުން އެއްކިބާވެތިބެ،  ސަރުކާރުން އެކަށައަޅާ ސިޔާސަތުތަކާއި، ހިންގާ ޕްރޮގްރާމްތައް ހިންގުމަށް އެހީތެރިވެދޭ ބަޔަކަށް ވުމުގެ މައްޗަށެވެ. މި ވާހަކަ ތަކުރާރުކޮށް ވެސް ހުރިހާ މުވައްޒަފުންނަށް ދަންނަވަން މިޖެހެނީ މި މަގުސަދާ ޚިލާފަށް ބައެއް މުއައްޒަފުންގެ އަމަލުތައް ހުންނަކަމުގެ ޝަކުވާ މި ކޮމިޝަނަށް ލިބެމުން ދާތީއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކުރިމަތީގައި އޮތް އިރު، އެކި ފަރާތްތަކުން ސިޔާސީ ހަރަކާތްތައް ހިންގެވުމުގައި ވަރަށް ވާދަވެރިވެގެން ދިއުމަކީ އެކަށީގެން ވާކަމަކަށް ވާތީ، ދިވެހި ސިވިލް ސަރވިސް ގެ މުވައްޒަފުން ރައްކާތެރި ވާންޖެހޭ ކަންތައްތަކަށް  ރައްކާތެރި ނުވެއްޖެނަމަ ވަރަށް ބޮޑެތި ޤައުމީ މަސްލަހަތުތަކެއް ގެއްލި އަދި ޢާއްމު މަސްލަހަތު ވެސް ގެއްލޭ ގޮތް ވުމަކީ އެކަށީގެންވާ ކަމަކެވެ. ވީމާ، ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުން ދިވެހި ސިވިލް ސަރވިސްގެ ގާނޫނާއި، ގަވާއިދާއި ކޯޑް އޮފް ކޮންޑަކްޓާ އެއްގޮތަށް އަމަލުތައް ބެހެއްޓެވުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.

13 ޝައްވާލު 1429
13 އޮކްޓޯބަރ 2008

 

ީ   

 

 

All rights reserved by Civil Service Commision of Maldives, 2008