ާ

ނަންބަރު: 59/2008/ A-188

އިޢުލާން

މުސްކުޅިކޮށް ވަޒީފާއިން ވަކިކުރެވުނު ފަރާތްތަކަށް ދެވެމުންއައި އިނާޔަތް އިޞްލާޙުކުރުން

ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 49 ވަނަ މާއްދާގެ (ށ) ގެ ދަށުން ޢުމުރުން 65 އަހަރުވުމުގެ ސަބަބުން ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއިން މުސްކުޅިކޮށް ވަކިކުރެވޭ ސިވލް ސަރވިސް ގެ މުވައްޒަފުންނަށް އިނާޔަތް ކަނޑައެޅުމުގައި ޢަމަލުކުރަން ޖެހޭގޮތް، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނަށް ގެނެވުނު 1 ވަނަ އިޞްލާޙުން އިސްލާހުކޮށްފައިވާތީ މި ކަން، 1 މޭ 2008 ން ފެށިގެން 4 އޮގަސްޓް 2008 އާ ހަމައަށް މުސްކުޅިކުރެވިފައިވާ ސިވިލްސަރވިސް ގެ މުވައްޒަފުންގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ.

ދިވެހި ސިވިލް ސަރވިސްގެ ޤާނޫނަށް މިގެންނެވި އިޞްލާޙާ ގުޅިގެން،  1 މޭ 2008 ން ފެށިގެން 4 އޮގަސްޓް 2008 އާ ހަމައަށް މުސްކުޅިކުރެވިފައިވާ ފަރާތްތަކަށް ކަނޑައަޅާފައިވާ އިނާޔަތް އިޞްލާޙުކުރުމުގެ މަސައްކަތް އެދުވަހުން ފެށިގެން ކޮމިޝަނުން މިދަނީ ކުރަމުންނެވެ. ނަމަވެސް މި މަސައްކަތުގައި، ޤާނޫނީގޮތުން ހުރި ބައެއް ހުރަސްތައް ހުރުމާއެކު، އެ ކަމާގުޅޭގޮތުން، ސަރުކާރުގެ ކަމާބެހޭ ދާއިރާތަކާ ގުޅައިގެން އެ ކަންކަން ހަމަޖައްސައި، މިހާރު ތިރީގައި މި ދަންނަވާ ގޮތުގެ މަތީން އެ މަސައްކަތް ކުރިޔަށްދާ ވާހަކަ ދަންނަވަމެވެ.

ޤާނޫނަށް ގެންނެވި އިސްލާހާ ގުޅޭގޮތުން މުސްކުޅި ކުރެވޭ މުވައްޒަފުންނަށް ލިބޭދެވޭ އިޚްތިޔާރު ގެ ފުރުސަތު އެރުވުމަށްޓަކައި، 1 މެއި 2008 ން ފެށިގެން 4 އޮގަސްޓް 2008 އަށް ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއިން މުސްކުޅިކޮށް ވަޒީފާއިން ވަކިކުރެވުނު ފަރާތްތަކަށް އެ ކަމާ ބެހޭ ލިއުން މި ގެންދަނީ ފޮނުވަމުންނެވެ. އަދި އެލިޔުމާއެކު، އެފަރާތަކަށް އިނާޔަތް ހަމަޖެއްސުމުގައި އެ ފަރާތަކުން އިޚްތިޔާރުކުރަން ބޭނުންވާ ގޮތް ބަޔާންކޮށް  އެކަން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް އެންގެވުމަށް ތައްޔާރު ކުރެވިފައިވާ ފޯމެއްވެސް އޮންނާނެއެވެ. ވުމާއެކު، މި ކޮމިޝަން ގެ މި ދެންނެވި ލިއުން ލިބިވަޑައިގަތުމުން، އެ ބޭފުޅަކު އިޚްތިޔާރުކުރައްވާ ގޮތެއް ބަޔާންކުރައްވައި، ފޯމު ފުރިހަމަ ކުރައްވައި، ލަސްވެގެން 31 ޑިސެމްބަރ 2008 ގެ ނިޔަލަށް އެފޯމު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ހުށަހެޅުއްވުން އެދެމެވެ. މި ތާރީޚް ގެ ކުރިން ވެސް، އެ ފޯމު ލިބިވަޑައިގަތުމުން ފޯމުފުރުއްވައި، އެ ފަރާތަށް ހުށަހެޅުއްވުން އަވަސްކުރެއްވުމަކީ އެ ކަން ހަމަޖެއްސުމުގައި އަވަސްވާނޭ ކަމެކެވެ.  މިހާރު ދެވެމުންދާ މުސްކުޅިކުރުމުގެ އިނާޔަތް އޮތް ގޮތަށް އޮތުން ބޭނުންފުޅުވާ ބޭފުޅުން ވެސް އެ ފޯމު ފުރުއްވައި އެ ފަރާތަށް ހުށަހެޅުއްވުން އެދެމެވެ. ފޯމު މިނިސްޓްރީ އޮފް ފިނޭންސް އެނޑް ޓްރެޜަރީއަށް ހުށަހެޅުއްވުމުން އިނާޔަތުގެ ފައިސާ ދިނުމުގެ އިންތިޒާމު އެމިނިސްޓްރީއިން ހަމަޖައްސައި ދެއްވާގޮތަށް ހަމަޖެހިފައިވާ ވާހަކަވެސް ދަންނަވަމެވެ.


20  ޝައްވާލް  1429
20 އޮކްޓޯބަރ 2008

 

 

ީ   

 

All rights reserved by Civil Service Commision of Maldives, 2008