ާ

                                     
ޢުމުރުން 65 އަހަރުވުމުން ވަޒީފާއިން ވަކިކޮށް މުސްކުޅިކުރެވުނު ފަރާތްތަކަށް ދެވުނު
ޢިނާޔަތް އިޞްލާޙުކުރުމާއި ބެހޭ މަޢުލޫމާތު


ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 50 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން، ޢުމުރުން 65 އަހަރުވުމުގެ ސަބަބުން މުސްކުޅިކޮށް ވަޒީފާއިން ވަކިކުރެވުނު ފަރާތްތަކަށް ދެވުނު ޢިނާޔަތް، ޤާނޫނު ނަންބަރ 2008/7 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) 5 އޮގަސްޓް 2008 ގައި ތަޞްދީޤުކޮށް ވަނީ އިޞްލާޙު ކުރެވިފައެވެ. ވުމާއެކު، 1 މެއި 2008 ން 4 އޮގަސްޓް 2008 އަށް މުސްކުޅިކޮށް ވަޒީފާއިން ވަކިކުރެވުނު ފަރާތްތަކަށް ދެވުނު ޢިނާޔަތް އިޞްލާޙުކުރަން ޖެހިފައިވެއެވެ.
ޤާނޫނަށް މިގެނެވުނު އިޞްލާޙާއި ގުޅިގެން މުސްކުޅިކޮށް ވަޒީފާއިން ވަކިކުރެވުނު ފަރާތްތަކަށް ޢިނާޔަތް ހަމަޖެއްސުމަށް އިޞްލާޙު ކުރެވުނު ޤާނޫނުގައި ކަނޑައެޅިފައިވާ ދެގޮތުންކުރެ ގޮތެއް ޚިޔާރު ކުރުމުގެ ފުރުޞަތު އެފަރާތްތަކަށް ދޭންޖެހެއެވެ. އެދެގޮތް ތިރީގައި މިވަނީއެވެ.

1. ފުރަތަމަގޮތް:

އެމީހަކު މުސްކުޅިކޮށް ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން 24 މަސްދުވަސްވަންދެން، އެމީހަކު މުސްކުޅިކޮށް ވަޒީފާއިން ވަކިކުރިއިރު ލިބެމުންދިޔަ މުސާރައާއި އެއްވަރުގެ ޢިނާޔަތެއް ލިބުން އަދި އެމީހަކު މުސްކުޅިކޮށް ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން 24 މަސްދުވަސް ހަމަވުމުން ފުރަތަމަ ގޮތުގައިވާ ގޮތުގެ މަތީން ޢިނާޔަތް ލިބުން

2. ދެވަނަގޮތް:

ޢުމުރުން 65 އަހަރުވުމުން މުސްކުޅިކޮށް ވަޒީފާއިން ވަކިކުރެވުނު ފަރާތްތަކަށް ދިނުމަށް ކޮމިޝަނުން ހަމަޖައްސަވާފައިވާ ޢިނާޔަތް ލިބުން

ފުރަތަމަގޮތް ޚިޔާރުކުރާ ފަރާތްތަކުގެ ސަމާލުކަމަށް:

  1. ފުރަތަމަގޮތް ޚިޔާރުކޮށްފިނަމަ، 24 މަސްދުވަސްވަންދެން އިނާޔަތުގެ ގޮތުގައި ލިބޭނީ މުސްކުޅިކޮށް ވަޒީފާއިން ވަކިކުރެވުނުއިރު ލިބުނު މުސާރައާއި އެއްވަރުގެ ޢިނާޔަތެކެވެ. އަދި 24 މަސްދުވަސް ހަމަވުމުން މަހުންމަހަށް ލިބޭނީ ކޮމިޝަނުން ހަމަޖައްސާފައިވާ ޢިނާޔަތެވެ.
  2. ފުރަތަމަގޮތް ޚިޔާރުކުރާ ފަރާތްތަކުގެ ތެރެއިން ޕެންޝަނަރުންނަށް، ޕެންޝަނަށް ލިބުނު ފައިސާ، މުސްކުޅިކޮށް ވަޒީފާއިން ވަކިކުރެވުނު ތާރީޚުން ފެށިގެން 24 މަސްދުވަސްވަންދެން ލިބޭނެއެވެ. 24 މަސްދުވަސްފަހުން ލިބޭނީ ކޮމިޝަނުން ހަމަޖައްސާފައިވާ ޢިނާޔަތެވެ.
  3. ފުރަތަމަގޮތް ޚިޔާރުކުރާ ފަރާތްތަކަށް، އޮކްޓޯބަރ 2008 އާ ހަމަޔަށް ކޮމިޝަނުން ހަމަޖައްސާފައިވާ ޢިނާޔަތް ލިބިފައިވާތީ، މުސްކުޅިކޮށް ވަޒީފާއިން ވަކިކުރެވުނު ތާރީޚުން ފެށިގެން 24 މަސްދުވަސްވަންދެން މުސާރައާއި އެއްވަރުގެ ޢިނާޔަތް ދިނުމުގައި، ކޮމިޝަނުން ހަމަޖައްސާފައިވާ ޢިނާޔަތުގެ ތެރެއިން މަހުންމަހަށް ދެވޭ ޢިނާޔަތުގެ ގޮތުގައި ކުރިން ދޫކުރެވުނު ފައިސާ އުނިކުރެވޭނެއެވެ.
  4. އެއްފަހަރާ ގަނޑުކޮށް ލިބޭ ފައިސާ ހިމެނެނީ ކޮމިޝަނުން ކަނޑައަޅާ ޢިނާޔަތުގެ ތެރޭގައި ކަމަށްވުމާއެކު، ފުރަތަމަގޮތް ޚިޔާރުކުރާ ފަރާތްތަކަށް، އެއްފަހަރާ ގަނޑުކޮށް ލިބޭ ފައިސާ ދޫކުރަންޖެހެނީ 24 މަސްދުވަސް ފަހުންނެވެ. ނަމަވެސް 1 މެއި 2008 ން 4 އޮގަސްޓް 2008 އާ ހަމަޔަށް މުސްކުޅިކޮށް ވަޒީފާއިން ވަކިކުރެވުނު ފަރާތްތަކަށް އެއްފަހަރާ ގަނޑުކޮށްލިބޭ ފައިސާ ދޫކުރެވިފައި ވުމާއެކު، 24 މަސްދުވަސްފަހުން އެފަރާތްތަކަށް ލިބޭނީ ކޮމިޝަނުން ކަނޑައަޅާ ޢިނާޔަތުގެ ތެރެއިން މަހުންމަހަށް ދެވޭ ޢިނާޔަތެވެ.
  5. މުސްކުޅިކޮށް ވަޒީފާއިން ވަކިކުރެވުނު ފަރާތްތަކަށް ދެވުނު ޢިނާޔަތް އިޞްލާޙުކޮށް ދަންނަވާ ޗިޓްގައި އެމީހެއްގެ މުސާރައާއި ގަނޑުކޮށް ލިބޭނެ ޢިނާޔަތުގެ ޢަދަދާއި މަހުންމަހަށް ލިބޭނެ ޢިނާޔަތުގެ ޢަދަދު ލިޔެވިފައިވާނެއެވެ.

ދެވަނަގޮތް ޚިޔާރުކުރާ ފަރާތްތަކުގެ ސަމާލުކަމަށް:

  1. ދެވަނަގޮތް ޚިޔާރުކޮށްފިނަމަ، މުސްކުޅިކޮށް ވަޒީފާއިން ވަކިކުރެވުނު ފަރާތަށް މިހާރު ލިބެމުން އަންނަ އެއްވެސް ޢިނާޔަތަކަށް ބަދަލެއް ނާންނާނެއެވެ. ލިބޭނީ މިހާރުވެސް ހަމަޖެހިފައިވާ ޢިނާޔަތްތައް ހަމަ އެޢަދަދަށެވެ.
  2. މުސްކުޅިކޮށް ވަޒީފާއިން ވަކިކުރެވުނު ފަރާތްތަކަށް ދެވުނު ޢިނާޔަތް އިޞްލާޙުކޮށް ދަންނަވާ ޗިޓްގައި އެމީހެއްގެ މުސާރައާއި ގަނޑުކޮށް ލިބޭނެ ޢިނާޔަތުގެ ޢަދަދާއި މަހުންމަހަށް ލިބޭނެ ޢިނާޔަތުގެ ޢަދަދު ލިޔެވިފައިވާނެއެވެ.

ޢިނާޔަތް ހޯދުމަށް ޢަމަލުކުރަންވީގޮތް:

  1. މުސްކުޅިކޮށް ވަޒީފާއިން ވަކިކުރެވުނު ފަރާތްތަކަށް ދެވުނު ޢިނާޔަތް އިޞްލާޙުކޮށް ދަންނަވާ ޗިޓާއެކުގައި ކޮމިޝަނުން ފޮނުވާ ފޯމް ފުރުމަށްފަހު، އެފޯމް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ހުށަހެޅުން
  2. ފޯމް ފުރުމުގެ ކުރީން ޗިޓްގައި އެމީހަކަށް އިޚްތިޔާރު ކުރުމަށް ދޫކުރެވިފައިވާ ދެގޮތް ރަނގަޅަށް ކިޔައި ލިބޭނޭ ޢަދަދުތައް ސާފުވުމަށްފަހު، ވަކިގޮތެއް ޚިޔާރުކުރުން

25 ޝައްވާލް 1429
25 އޮކްޓޯބަރ 2008

ީ  

 

All rights reserved by Civil Service Commision of Maldives, 2008