މި އަހަރުގެ ޤައުމީދުވަހުގެ ރަސްމީ ޖަލްސާ ކޮމިޝަނުގެ ރައީސް ޝަރަފުވެރިކޮށްދެއްވައިފި

10 ނޮވެމްބަރ 2018



ހިޖްރީ ގޮތުން 1440 ވަނަ އަހަރުގެ ޤައުމީ ދުވަސް ފާހަގަކުރުމަށް، މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ފަރާތުން ހއ.އުތީމު ކައުންސިލާއި ގުޅިގެން 10 ނޮވެންބަރު 2018 ގެ ހެނދުނު 10 ޖެހިއިރު ބޭއްވި ރަސްމީ ޖަލްސާ، ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމް ޝަރަފުވެރި ކޮށްދެއްވައިފިއެވެ

ހއ. އުތީމުގައި ހުންނަ ބޮޑު ތަކުރުފާނުގެ ހަނދާނީ މަރުކަޒުގެ ހޯލުގައި ބޭއްވުނު މި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން " ޙުއްބުލް ވަޠަން" ނުވަތަ ޤައުމީ ލޯތްބަކީ ކޮބައިކަމާއި، ޤައުމިއްޔަތަކީ ކޮބައިކަމާއި މިކަން ދިރުވަންޖެހެނީ ކީއްވެކަން ބަޔާންކުރެއްވިއެވެ. އަދި ޤައުމީ ލޯތްބާއި ޤައުމިއްޔަތަކީ ކޮބައިކަމާއި މިކަން ދިރުވުމުގައި ހުރިހާ ރައްޔިތުންގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއްކަން ހަނދާންކުރައްވާ ކޮންމެ ރައްޔިތެއްވެސް އެމީހަކަށް ވީވަހަކުން މިކަން ދިރުވުމަކީ ހުރިހާ ރައްޔިތުންގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއްކަން ހަނދާންކޮށްދެއްވައި، ކޮންމެ ރައްޔިތަކުވެސް އެމީހަކަށް ވީވަރަކުން މިކަން ދިރުވުމަށް ގޮވާލެއްވިއެވެ.

ޤައުމުގެ މިނިވަންކަމާ އިސްތިޤްލާލު ދިފާއުކުރުމަށް އިހުގެ ބަތޮލުން ވެވަޑައިގަނެފައިވާ ގުރުބާނީތަކާއި ކުރައްވާފައިވާ ޖިހާދުތަކުގެ މަތިން ހަނދާންކޮށް އެފަރާތްތަކުގެ ޒިކުރާ އާކުރާފަދައިން، މި ޒަމާނުގައި ޤައުމަށް ބޮޑަތި ޚިދުމަތްކުރައްވާފައިވާ ފަރާތްތަކާއި ރީތިނަމާ ޝްރަފު ހޯއްދަވައިދެއްވާފައިވާ ފަރާތްތަކުގެ ނަންތައްވެސް ފާހަގަކޮށް އެފަރާތްތަކުގެ ނަމޫނާއިން ހިތްވަރުލިބި ޤައުމީ ޚިދުމަތްތެރިންނަށް ވުމުގެ މުހިންމުކަންވެސް ރައީސްގެ ވާހަކަފުޅުގައި ފަހަގަކުރެއްވިއެވެ

ދިވެހިރާއްޖޭގެ ތަރައްޤީއަށާއި ވެރިކަން ހިންގުމުގެ ނިޒާމަށް އައިސްފައިވާ ހެޔޮބަދަލުތަކާއެކު ދިވެހި ޤައުމިއްޔަތު ރަމްޒުކޮށްދޭ ނުވަތަ ޤައުމީ ސިފަވަންތަކަން ތަމްޞީލުކޮށްދޭ ކަންކަމާއި ތަކެއްޗަށްވެސް އިސްލާޙު އަންނަންޖެހޭކަމުގައި ޑރ. ޝަހީމު ފާހަގަކުރެއްވިއެވެ. މިގޮތުން ދިވެހިރާއްޖޭގެ ރަސްމީނަން އިނގިރޭސީން ކިޔުމުގައި ޑިމޮކްރަޓިކް ރިޕަބްލިކް އޮފް މޯލްޑިވްސް އައިލެންޑް ކިޔުމަކީ ޤައުމުގެ ގުދުރަތީ ސިފަވެސް ބަޔާންކޮށްދޭ އަދި ޖުމްހޫރިއްޔާގެ ތެރެއިން ކުރިއަރާފައިވާ ޑިމޮކްރަސީގެ ވެރިކަމުގެ ނިޒާމުވެސް ދައްކުވައިދޭ ކަމެއްކަން ފާހަގަކުރެއްވިއެވެ. ހަމަ މިގޮތަށް ދައުލަތުގެ ސިއްކަ ކަމުގައިވާ ނިޝާނުގައި ޤައުމިއްޔަތުގެ އެއް ބަހާ ކަމުގައިވާ ދިވެހިބަހުން ތާނައަކުރު ހިމެނިފައި އޮންނަންޖެހޭ ކަމުގައިވެސް ބަޔާންކުރެއްވިއެވެ. ދިވެހި ޤައުމީ ސަލާމުގެ 8 ބައިތުގައިވެސް މިހާރު ޤައުމަށް އައިސްފައިވާ ހެޔޮބަދަލުތަކުގެ ޝިއާރު ފާޅުކުރެވިގެން ނުދާތީ، ދިވެހި ޤައުމިއްޔަތުގައި ޒަމާނާ އެއްގޮތަށް ހިމެނޭ ބައިތައް ކަމުގައިވާ ޖުމްހޫރިއްޔަތާއި، ޑިމޮކްރަސީ އަދި އިންސާނީ ޙައްޤުތައް ރައްކާތެރިކުރާ ވާހަކައާއި ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްޤީގެ ވާހަކައާއި އެކަކު އަނެކުންގެ ތަފާތު ބަލައިގަތުމާއި ތަފާތު ޚިޔާލުތަކަށް ޖާގަދީ ކަންކަން ތަޙައްމަލު ކުރުމުގެ ޝިއާރުތައް ހިމެނޭގޮތަށް ޤައުމީ ސަލާމަށް 2 ބައިތު އިތުރުކޮށް މިކަންކަން ހިމެނުމުގެ މައްޗަށްވެސް ބައްލަވާލައްވާ ވާހަކަފުޅު ދެއްކެވިއެވެ.

ޑިފެންސް ފޯސްއިން ކޮންމެ އަހަރަކު ނެރުއްވާ ޤައުމީ ލަވަ އަލްބަމްވެސް މި އަހަރަށް ނެރެދެއްވީ ކޮމިޝަނުގެ ރައީސް ޤައުމީ ދުވަހުގެ މުނާޞަބަތް ފާހަގަކުރުމަށް އުތީމުގައި ބޭއްވި ޖަލްސާގައެވެ. މި ޖަލްސާ ތަޢާރަފްކޮށްދެއްވާ ހާޞިރީންނަށް މަރުޙަބާ ވިދާޅުވުމުގެ ގޮތުން ވާހަކަދެއްކެވި އުތީމު ކައުންސިލުގެ ރައީސް އަލްފާޟިލް ޢަބުދުﷲ ނަޝީދެވެ.

ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޖަލްސާއަށްފަހު ދެ ސްކޫލެއްގެ ދަރިވަރުންގެ މެދުގައި ބޭއްވުނު ފޯރިގަދަ ބަހުސެއްވެސް ކޮމިޝަނުގެ ރައީސް ޝަރަފުވެރިކޮށްދެއްވިއެވެ. ސިޔަސި ޕާޓީތަކުގެ ސަބަބުން ދިވެހި ޤައުމީ މަޞްލަހަތަށް ނޭދެވޭ އަސަރުކުރާ ކަމުގެ މައްޗަށް ބޭއްވުނު ބަހުސްގައި ބައިވެރިވެފައިވަނީ ހއ. ތައުލީމީ މަރުކަޒު( ދިއްދޫ)ގެ ދަރިވަރުންގެ ޓީމަކާއި ހއ. އަތޮޅު މަދަރުސާ (ހޯރަފުށި)ގެ ދަރިވަރުންގެ ޓީމެކެވެ.


ފަހުގެ ޚަބަރުތައް

ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް