ސިވިލް ސަރވިސް ކޮމިޝަނުގެ 11 ވަނަ އަހަރީ ދުވަސް 23 އޮކްޓޯބަރ 2018 ވީ އަންގާރަ ދުވަހު އެ ކޮމިޝަނުގައި ފާހަގަކޮށްފިއެވެ. ސިވިލް ސަރވިސް ކޮމިޝަން ޤާނޫނެއްގެ ދަށުން އުފެދިފައިވަނީ 23 އޮކްޓޯބަރ 2007 ވަނަ އަހަރުގައެވެ. ނަމަވެސް ދިވެހި ސިވިލް ސަރވިސް އުފެދިފައިވަނީ 10 މެއި 2018 ގައެވެ. ސަބަބަކީ ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު ތަންފީޒުކުރަންފެށިތާ 1 އަހަރުގެ ތެރޭގައި ދިވެހި ސިވިލް ސަރވިސް އުފައްދައި ހިނގަންފަށަންވާނެކަމުގައި އެ ޤާނޫނުގައި ބަޔާންކުރެވިފައިވުމާއެކުއެވެ.
ކޮމިޝަނުގެ 11 ވަނަ އަހަރީ ދުވަސް އުފާވެރި ހަފުލާއަކާއެކު ފާހަގަކުރެވުނީ ކޮމިޝަނުގެ ކޮންފަރެންސް ހޯލުގައެވެ. މުނާސަބަތާއިގުޅޭ ގޮތުން ޒީނަތްތެރިކުރެވިގެންވީ ހަފުލާއެއްގައި މި މުނާސަބަތު ފާހަގަކުރީ ކޮމިޝަނުގެ މެމްބަރުންނާއި މުވައްޒަފުން އަދި ޚާއްސަ މެހެމާނުންގެ ގޮތުގައި މޯލްޑިވްސް އިންލޭންޑު ރެވެނިއު އޮތޯރިޓީ (މީރާ) ގެ 3 މަންދޫބުންނާއެކުގައެވެ. މީރާގެ ފަރާތުން ކޮމިޝަނުގެ އަހަރީ ދުވަހުގެ ތަހުނިޔާ ކިޔުމުގެ ގޮތުން ޙާއްސަ ކޭކެއް ހަދިޔާކުރުން މި ހަފުލާގައި އޮތެވެ. މިކަންވެގެން ދިޔައީ އަޚުވަތްތެރި މިނިވަން މުވައްސަސާއަކުން ކޮމިޝަނުގެ މެމްބަރުންނާއި މުވައްޒަފުންނަށް ދެއްވި 'ސަޕްރައިޒް' އަކަށެވެ. އަދި ޚާއްސަ ހަދިޔާއަކަށެވެ.
މުނާސަބަތު ފާހަގަކުރުމަށް ބޭއްވުނު ހަފުލާގައި ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމު ދުވަހާގުޅޭގޮތުން މުވައްޒަފުންނާއި މުޚާތަބުކޮށް ތަހުނިޔާ ވިދާޅުވެ ވާހަކަފުޅު ދެއްކެވިއެވެ. މި ވާހަކަފުޅުގައި ކޮމިޝަނަށް ފާއިތުވެދިޔަ ދުވަސްތަކުގައި ދިމާވި ބޮޑެތި ގޮންޖެހުންތަކަށް އަލި އަޅުވާލެއްވެވިއެވެ. އަދި މިކަންކަމުން އިބްރަތްލިބިގަނެ އާ ވިސްނުމަކާއި، ގަދަ ހިތްވަރަކާއިއެކު ކުރިޔަށް އޮތް އަހަރު ފާގަތި އަހަރަކަށް ހެދުމަށް މުވައްޒަފުންގެ ތަރައްޤީއަށް އިތުރު މަސައްކަތްތަކެއް ކުރައްވާނެކަމުގެ އުފާވެރި ޚަބަރު މުވައްޒަފުންނަށް ދެއްވެވިއެވެ.
ކޮމިޝަނުގެ ރައީސްގެ ވާހަކަފުޅުގައި ޙާއްސަ ގޮތެއްގައި ކޮމިޝަން ހިނގަމުންދާ އިމާރާތް ބަދަލު ކުރަންޖެހުމާއިއެކު މުވައްޒަފުންނަށް ވަރަށް ބޮޑު މާޔޫސްކަމެއް ކުރިމަތިވެ އަދި މަހެއްހާ ދުވަހު ކޮމިޝަނުގެ މަސައްކަތްތަކަށް ބުރުއަރާގެންދިޔަކަން ފާހަގަކުރެއްވިއެވެ. ނަމަވެސް އެކުވެރިކަމާއެކު މުވައްޒަފުން އެކުއެކީގައި ގުޅިގެން މަސައްކަތްކުރުމުގެ ނަތީޖާއެއްގެ ގޮތުން މި އަޑިގަނޑުން އަރާގަނެވި މިހާރު ކޮމިޝަން ބާރަށް ކުރިޔަށްދާން ފަށާފައިވާކަން ފާހަގަކުރެއްވެވިއެވެ. އަނެއް ގޮންޖެހުމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވެވި ކަމަކީ މުވައްޒަފުން އަވަސް އަވަހަށް ކެނޑިގެންދާކަމެވެ. މިކަން ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިޔަށްއޮތް ދުވަސްތަކުގައި ކުރާނެކަމަށް ވިދާޅުވިއެވެ. އަދި މުވައްޒަފުންނަށް ހިތްވަރުދެއްވަވައި ވާހަކަފުޅު ދެއްކެވިއެވެ. ކޮމިޝަނަކީ ހަޤީގަތުގައި އެތަނުގައި ޚިދުމަތްކުރާ މުވައްޒަފުންކަމާއި އެތަނަކަށް ލިބޭ ކުރިއެރުމާއި ރީތި ނަމަކީ އެ ފަރާތްތަކުގެ މިން ނެތް މަސައްކަތުން ހޯދޭ އެއްޗެއްކަން ފާހަގަކުރައްވަވައި މުވައްޒަފުންނަށް ޝުކުރު އަދާކުރެއްވެވިއެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026