ސިވިލް ސަރވިސް އަށް 10 އަހަރު ފުރުމުގެ މުނާޞަބާ ފާހަގަކުރުމަށް ކ. ހިންމަފުށީގައި ހިންގި ހަރަކާތްތައް ކާމިޔާބުކަމާއެކު ނިންމާލައިފި

02 މެއި 2018



ސިވިލް ސަރވިސް އަށް 10 އަހަރު ފުރުމުގެ މުނާޞަބާ ފާހަގަކުރުމަށް ކ. ހިންމަފުށީގައި ހިންގި ހަރަކާތްތައް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.  ސިވިލް ސަރވިސްއަށް 10 އަހަރު ފުރޭ މުނާޞަބާއާ ދިވެހި ޖުމްހޫރިއްޔަތަށް 50 އަހަރު ފުރުމުގެ މުނާޞަބާ ފާހަގަކުރުމުގެ މައިގަނޑު ހަރަކާތްތައް މިފަހަރު ކުރިޔަށްގެންގޮސްފައިވަނީ ކ. ހިންމަފުށީގައެވެ.  މިހެރަކާތްތަކުގެ ތެރޭގައި ހިމެނޭ ޓެލެންޓް ޝޯ އެޕްރީލު މަހުގެ 30 ވަނަ ދުވަހުގެ ރޭ ހިންމަފުށީގައި ބާއްވާފައި ވާއިރު ސިވިލް ސަރވިސްގެ 10 ވަނަ  އަހަރީދުވަސް ކަމުގައިވާ 1 މޭ 2018 ވަނަ ދުވަހުގެ ހަރަކާތްތައް ފަށާފައި ވަނީ އެރޭ ޖަމާޢަތުގައި ކުރެވުނު  ފަތިސް ނަމާދުންނެވެ. އެއަށް ފަހު ހެނދުނު ވަނީ ހިންމަފުށީގެ  ހިއްކިބިމު ސަރަހައްދުގައި ގަސް އިންދުމުގެ ހަރަކާތެއް ބާއްވާފައެވެ. އެއަށް ފަހު ކުރިޔަށް ގެންގޮސްފައި ވަނީ އެކުވެރި ކަމުގެ ފުޓްބޯޅަ މެޗްތަކެކެވެ. މި މެޗްތައް ކުރިޔަށްދިޔައީ ސިވިލް ސަރވިސް ކޮމިޝަނުން މި ހަރަކާތްތަކުގައި ބައިވެރިވުމަށް ކ. ހިންމަފުއްޓަށް ދިޔަ މުވައްޒަފުންގެ ތެރޭން އަންހެން މުވައްޒަފުންގެ ޓީމަކާއި ފިރިހެން މުވައްޒަފުންގެ ޓީމެއް ހިމެނޭހެން ހިންމަފުށީގެ އަންހެން ކަނބަލުންގެ ޓީމަކާއި ފިރެހެނުންގެ ޓީމެއް ވާދަކުރާގޮތަށެވެ. މިއަދު ކުޅުނު މި ދެމެޗްގެ ތެރޭން އަންހެނުންގެ ފުޓްބޯޅަ މެޗް ކާމިޔާބުކުރީ ސިވިލް ސަރވިސްގެ ޓީމެވެ.  ފިރެހެނުންގެ ފުޓްބޯޅަ މެޗް  ކާމިޔާބު ކުރީ ހިންމަފުށީގެ ޓީމެވެ.

ފޯރިގަދަ ފުޓްބޯޅަ މެޗުތަކަކަށްފަހު ދެން މިއަދު އޮތީ  ވާދެމުމުގެ މެޗްތަކެކެވެ. އަންހެން ޓީމުތަކާއި ފިރެހެން ޓީމުތަކުގެ މެޗުތައް ވަކިވަކީން ކުރިޔަށްގެންގޮސްފައި ވާއިރު ކޮމިޝަނުގެ ދެ ޓީމާ ބައްދަލުކޮށް ކުރި ހޯދީ ހިންމަފުށީގެ  ޓީމުތަކެވެ.  ވާދެމުމުގެ އިވެންޓަށްފަހު ސިވިލް ސަރވިސްގެ ޤަވާޢިދަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ސިވިލް ސަރވިސްގެ ޤަވާޢިދުގެ ކުއިޒް މުބާރާތެއް 1 މޭ ވަނަ ދުވަހު މެންދުރުފަހު ހިންމަފުށީގައި ކުރިޔަށް ގެންދެވުނެވެ.

ސިވިލް ސަރވިސްއަށް 10 އަހަރު ފުރުމުގެ މުނާޞަބާއާއި ދިވެހި ޖުމްހޫރިއްޔާއަށް 50 އަހަރު ފުރުމުގެ މުނާޞަބާ ކުލަގަދަކޮށް ފާހަގަކުރުމަށް މާލޭގެ ބައެއް އިދާރާތަކާ ވެސް ގުޅިގެން ކ. ހިންމަފުށީގައި ކުރިޔަށްގެންދިޔަ މިހަރަކާތްތައް ނިންމާލާފައި ވަނީ ހިންމަފުށީގައި ބޭއްވުނު ޑިނަރ ނައިޓަކުންނެވެ. މި ޑިނަރ ނައިޓުގައި ޝަރަފްވެރި މެހުމާނެއްގެ ގޮތުން ބައިވެރިވެ ވަޑައިގެންނެވީ މިނިސްޓަރ އޮފް ޖެންޑަރ  އެންޑް ފެމެލީ އޮނަރަބުލް  އާމިނަތު ޒެނީޝާ ޝަހީދު ޒަކީއެވެ.


ފަހުގެ ޚަބަރުތައް

ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް