ދިވެހި ސިވިލް ސަރވިސްއަށް 10 އަހަރު ފުރޭ މުނާސަބަތުގައި ކޮމިޝަނުގެ ރައީސް ދެއްވާ ޚިޠާބު

01 މެއި 2018



މިއަދަކީ، ދިވެހި ސިވިލް ސަރވިސް މުސްތަޤިއްލު ޚިދުމަތެއްގެ ގޮތުގައި ކާމިޔާބުކަމާއެކު ހިނގަމުންދާތާ 10 އަހަރުފުރޭ ތާރީޚީ އަދި އުފާވެރި މުނާސަބަތެވެ. ދިވެހި ސިވިލް ސަރވިސްގެ ފާއިތުވެދިޔަ 10 އަހަރުގެ ކާމިޔާބުގެ ސިއްރަކީ މި ޚިދުމަތުގެ އަހުލުވެރިން ކަމުގައިވާ ހިންގުންތެރި، ހީވާގި އަދި ޒިންމާދާރު ސިވިލް ސަރވިސް މުވައްޒަފުން ކަމުގައި ވީ ހިނދު، މި އުފާވެރި މުނާސަބަތުގައި އެންމެހާ ލޮބުވެތި ސިވިލް ސަރވިސް މުވައްޒަފުންނަށާއި އެ ފަރާތްތަކުގެ އާއިލާތަކަށް ތަހުނިޔާއާއި މުބާރިކްބާދީ އަރިސްކުރުމަކީ، ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުންނާއި ހުރިހާ މުވައްޒަފުން އަދި ކޮމިޝަނުގެ ރައީސަށް ލިބޭ އެންމެ ބޮޑު އުފަލާއި ޝަރަފުކަމުގައި ދެކެމެވެ.

ޝައްކެއްނެތް ގޮތުގައި، ޤައުމު ބިނާކުރުމުގައި އެންމެބޮޑު ބައިވެރިޔާގެ ގޮތުގައާއި ސަރުކާރު ހިންގުމުގެ އިންޖީނުގެ ގޮތުން، ފާއިތުވެދިޔަ އަހަރުތަކުގައި ރައްޔިތުންގެ އިތުބާރު ހޯދައި، ރައްޔިތުން ހިތްހަމަޖެހޭ ފެންވަރަކަށް، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބޭނުންވާ ޚިދުމަތްތައް ދެމުން ގެންދެވިފައިވަނީ ދިވެހި ސިވިލް ސަރވިސްގެ މިންނެތް މަސައްކަތުންނާއި އަގުހުރި ޚިދުމަތުގެ ސަބަބުންނެވެ. އަދި ކުރިމަގުގައި ތަރައްޤީގެ އައު އުސްމިންތަކަކަށް ދެވެން އޮތީ ވެސް، ދިވެހި ސިވިލް ސަރވިސް މުވައްޒަފުން އައު އަޒުމްތަކާއެކު އައު ލަނޑުދަނޑިތަކެއް ހާޞިލްކުރުމަށް އަހުދު ކަށަވަރުހިފައި، ހިތްވަރާއެކު ނުގުޑާ ފަދަ އަޒުމެއްގައި މަސައްކަތްކޮށްގެންނެވެ. އެހެންކަމުން، މި ފުރުޞަތުގައި ދިވެހި ސިވިލް ސަރވިސްގެ އެންމެހާ މުވައްޒަފުންނަށް ފަށްފަށުން ޝުކުރު ދަންނަވައި ދިވެހި ސިވިލް ސަރވިސްއަށް ފާގަތި މުސްތަޤްބަލަކަށް އެދެމެވެ.

ދިވެހި ސިވިލް ސަރވިސްއަށް ކާމިޔާބުކަމާއެކު 10 އަހަރު ކަޑައްތުކުރެވިފައިވަނީ، ދިވެހި ދައުލަތުގެ އިތުރު އެތަކެއް ފަރާތްތަކެއްގެ ފުރިހަމަ ތަރުޙީބާއި އެއްބާރުލުމާއި އެހީތެރިކަން ލިބިގެންނެވެ. އެހެންކަމުން، ދިވެހި ދައުލަތުގެ އެންމެ އިސްވެރިޔާ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ދިވެހި ސިވިލް ސަރވިސްގެ ނަމުގައި ޝުކުރު ދަންނަވަމެވެ. މީގެ އިތުރުން، ސަރުކާރުގެ ވުޒާރާތަކުގެ ވަޒީރުންނާއި، ޒިންމާދާރު އިސްވެރިންނާއި ޒިންމާދާރުވެރިންނަށް އަދި އެންމެހާ ޚިދުމަތްތެރިންނަށް ވެސް ޝުކުރު ދަންނަވަމެވެ. މި ޝުކުރުގައި ސިވިލް ސަރވިސް ކޮމިޝަނުގެ ކުރީގެ އަދި މިހާރުގެ ހުރިހާ މެންބަރުންނާއި މުވައްޒަފުން ވެސް ޝާމިލުކުރަމެވެ.

ދިވެހި ސިވިލް ސަރވިސްގެ ފާއިތުވެދިޔަ 10 އަހަރުގެ ކާމިޔާބީތަކުގެ ގޮތުގައި ގިނަ ކަންތައްތަކެއް ފާހަގަކުރެވެއެވެ. މި ގޮތުން ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭން ބޭނުންވާ ޚިދުމަތްތައް އަވަސް އަދި ލުއި ފަސޭހަ ގޮތެއްގެ މަތިން ދިނުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވެއެވެ. އޭގެ ތެރޭގައި، ޚިދުމަތްދޭ މާހައުލަކީ ޚިދުމަތް ލިބިގަންނަ ރައްޔިތުންނާ ރައްޓެހި، ގުޅޭ މާހައުލަކަށް ހެދުމާއި، ޚިދުމަތްދިނުމަށް ތިބި ޚިދުމަތްތެރިންނަކީ ރައްޔަތުން އެދޭ ފަދަ ފުރިހަމަ ޚިދުމަތެއް ދިނުމަށް ތައްޔާރުވެފައިވާ ބަޔަކަށް ހެދުމުގެ މަސައްކަތެވެ. ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ޚިދުމަތްދޭ އިދާރާތަކަށް ނުގޮސް، ގޭގައި ތިބެގެން ޚިދުމަތް ލިބިދެވޭނެ މަގު ފަހިކުރުމުގެ މަސައްކަތެވެ. ސަރުކާރުގެ އިދާރާތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަށް ރައްޔިތުން އަހުލުވެރިކުރުވުމުގެ މަސައްކަތެވެ. ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ތަރައްޤީކުރަމުން ގެންދިއުމުގެ މަޤުޞަދުގައި، އީޖާދީ، އީޖާބީ ގޮތްތައް ހޯދައި، އެ ކަންތައްތައް ސިވިލް ސަރވިސްގެ ޚިދުމަތަށް ތަޢާރަފުކުރުމެވެ.

ސިވިލް ސަރވިސްގެ ކުރިމަގު އުޖާލާކުރުމުގެ ގޮތުން، ކުރިމަގުގައި ސިވިލް ސަރވިސްގެ ސިޔާސަތުތަކާއި އުޞޫލުތައް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، ޤާނޫނާއި ގަވާއިދުތައް ހަރުދަނާކޮށް ހިންގުމަށް ޚާއްޞަ ސަމާލުކަމެއް ދެވޭނެއެވެ. އަދި އިސްރާފު ކުޑަކޮށް، ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން އިތުރަށް ހިފައި، ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް އަވަސްކޮށް ލުއިފަސޭހަ ގޮތެއްގައި ދިނުމަށް އިސްކަމެއް ދެވޭނެއެވެ. ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތުގެ އަޚުލާޤު އިތުރަށް ރަނގަޅުކޮށް، މަސައްކަތުގެ ރޫހު އިތުރުކުރުމަށް މަސައްކަތްތަކެއް ކުރެވޭނެއެވެ. ހަމައެއާއެކު، ފަންނީ އަދި މާހިރީ ގާބިލުކަން ސިވިލް ސަރވިސްގައި އިތުރުކުރުމަށް އަމާޒުހިފޭނެއެވެ.

ދިވެހި ސިވިލް ސަރވިސްގެ ނިމިދިޔަ 10 އަހަރުގެ ތަޖުރިބާއިން ހިތްވަރު ލިބިގެން ކުރިމަގުގައި އުއްމީދު ކުރެވެނީ ދުނިޔޭގެ ފެންވަރުގައި ވެސް ކުރިއަރާފައިވާ ޚިދުމަތަކަށް ސިވިލް ސަރވިސް ހެދުމަށެވެ. ނިއުމަތްތަކުގެވެރި އަދި ރަޙުމަތްވަންތަ އިލާޙު ﷲ ޞުބުހާނަހޫ ވަޠަޢާލާ މި މަތިވެރި ލަނޑުދަނޑި ހާޞިލުކުރުމުގެ ހެޔޮ ތައުފީޤު މިންވަރު ކުރެއްވުމަށް އެދި ދުޢާ ދަންނަވަމެވެ.

ޝުކުރިއްޔާ!


ފަހުގެ ޚަބަރުތައް

ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް