09 ފެބްރުއަރީ 2018
އެކުވެރި އަރަބި އިމާރާތް ނުވަތަ ޔޫއޭއީގެ ސަރުކާރުން އިންތިޒާމުކޮށްގެން ދުބާއީގައި ބާއްވާ " ވޯލްޑް ގަވަރމަންޓް ސަމިޓް 2018" ގައި ބައިވެރިވުމަށް ސިވިލް ސަރވިސް ކޮމިޝަނުގެ ވަފުދެއް ދުބާއީއަށް ފުރައިފިއެވެ. މިވަފުދުގައި ހިމެނިވަޑައިގަންނަވަނީ ސިވިލް ސަރވިސް ކޮމިޝަނުގެ ނައިބްރައީސް ޝަހީދު މުޙައްމަދާއި ކޮމިޝަނުގެ މެންބަރު އިބްރާޙީމް ޝަހީޤެވެ.
މި ސަމިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ މިހިނގާ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުން ފެށިގެން މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް، ދުބާއީގައެވެ. ދަ ވޯރލްޑް ގަވަމެންޓް ސަމިޓް 2018 އަކީ ދުނިޔޭގެ ސަރުކާރުތަކުގެ ކުރިމަގު ބައްޓަން ކުރުމަށް ޚާއްސަކޮށްގެން ބާއްވާ ބައިނަލްއަޤުވާމީ ފޯރަމެކެވެ. ކޮންމެ އަހަރަކު ވެސް މި ސަމިޓްގެ އެޖެންޑާގައި ކުރިއަށްއޮތް ޖީލުތަކުގެ ސަރުކާރުތަކަށް އާ އީޖާދުތަކާ ޓެކްނޮލޮޖީގެ އެހީގައި މުޅި އިންސާނިއްޔަތަށް ދިމާވާ ގޮންޖެހުންތައް ހައްލު ކުރޭވެނެ ގޮތްތައް ހިމެނެއެވެ.
މީގެއިތުރުން މި ސަމިޓްގައި ސަރުކާރުތަކުގެ މެދުގައި އާ އިޖާދުތަކާއި، ޓެކްނޮލޮޖީއާއި ބެހޭގޮތުން މަޢުލޫމާތު ބަދަލުކުރެވޭނެއެވެ. މި ސަމިޓްގައި ސިޔާސަތު ކަނޑައަޅުއްވާ ފަރާތްތަކާއި، ފަންނީ މާހިރުންނާއި، އިންސާނީ ތަރައްޤީއަށް މަސައްކަތްކުރައްވާ ފަރާތްތަކުގެ މެދުގައި ގުޅުން ބަދަހިކޮށް ޚިޔާލު ބަދަލުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި ސަމިޓް ކުރިއަށްދާނީ އެކި ބޭފުޅުންގެ ވާހަކަފުޅުތަކާއި، ޤައުމީ ފެންވަރުގެ ލީޑަރުންގެ މެދުގައި ބޭއްވޭ ޕެނަލް ޑިސްކަޝަންސްތަކާއި، ދުނިޔޭގެ އެކިކަންކޮޅުތަކުންގެ ބައިނަލްއަޤުވާމީ ފަންނީ މާހިރުން ހިމެނޭ ގޮތަށެވެ. ގާތްގަނޑަކަށް 140 ޤައުމަކުން ހަތަރުހާހެއްހާ ބައިވެރިން މިސަމިޓްގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
މި ދިޔަ 2017 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ 12 އިން 14 އަށް ކުރިޔަށްގެންދިޔަ 5 ވަނަ ވާރލްޑް ގަވަރމަންޓް ސަމިޓްގައިވެސް ސިވިލް ސަރވިސް ކޮމިޝަނުގެ ވަފުދެއް ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ. އެފަހަރުގެ ވަފުދުގައި ހިމެނިވަޑައިގެންނެވީ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމާއި ކޮމިޝަނުގެ މެންބަރު ޒަކަރިއްޔާ ޙުސައިނެވެ. ދުނިޔޭގެ 130 އަށްވުރެ ގިނަ ޤައުމުތަކުން މި ސަމިޓްގައި ބައިވެރިވެފައިވެއެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026