2019 ވަނައަހަރަށް ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް ގައި ކޯސްތައް ފެށުން މިއަދު އެ އިންސްޓިޓިއުޓްގައި އިފްތިތާޙްކުރެވިއްޖެއެވެ. މިކަމަށް ބޭއްވުނު ރަސްމިއްޔާތުގައި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް ކޯސްތަކުގެ ބައިވެރިންނާއި މުޚާތަބްކުރައްވަވައި ވާހަކަދެއްކެވިއެވެ. ރައީސްގެ ވާހަކަފުޅުގައި ކުރިއަށް އޮތް ދުވަސްތަކަކީ ސީ އެސްޓީ އައި ގެ ދަރިވަރުންނަށް ފަހިކުރިއެރުން ތަކެއްގެނެސްދޭނެ ދުވަސްތަކެއްކަމުގައި ފާހަގަކޮށް އެކަމުގެ ފަހިފުރުޞަތުގެ ބޭނުން ފުރިހަމައަށް ހިފައި ގާބިލު ހުނަރުވެރި އަދި ނަޒާހަތްތެރި މުވައްޒަފުންނަށްވުމަށް ގޮވާލެއްވެވިއެވެ. ކުރިއަށްއޮތީ ފަހިދުވަސްތަކެއް ކަމުގައި އިޝާރަތްކުރެއްވެވީ މިހާރުގެ ސަރުކާރުން މަތީތަޢުލީމުގެ ފުރަތަމަ ޑިގްރީ އަށް ހިލޭ ކިޔެވުމުގެ ފުރުސަތު ފަހިކޮށްދެއްވާތީ އާއި ސީއެސްޓީއައި ގައި ލައިބްރަރީއެއް ގާއިމް ކުރެވިގެން މިއަހަރު ދާނެކަމަށް އުއްމީދުކުރެވޭތީ އާއި އަދި ޖާގަތަނަވަސްތަނަކަށް އިންސްޓިޓިއުޓް ބަދަލުވެގެންދާނެކަމުގެ އުއްމީދު އާވެފައިވާތީކަމުގައިވިދާޅުވިއެވެ.
ދަރިވަރުންނަށް ކާމިޔާބު ހިންގުންތެރިންނަށްވުމަށް އިލްތިމާސް ކުރައްވަމުން ކޮންމެ ސިވިލް ސަރވަންޓަކީ އަމިއްލައަށް އިސްނަގާ، އަމިއްލައަށް ތާޒާވެ އުގެނެމުންދާމީހަކަށްވެ ހިހޫތަނުންކާލައިގެން ފުއްދާނުލައި އަދި ވައަތުފަޔަށްބަރުނުވެ ހިންގުންތެރި ހީވާގި އަދި ހެޔޮވިސްނުންގެންގުޅޭ މީހަކަށްވެވިއްޖެނަމަ އެމީހަކީ އޮޓޮމެޓިކުން ކުރިއަރާދާނެ ގާބިލް ސިވިލް ސަރވަންޓަކަށްވާނެކަމުގެ ޔަގީންކަންދެއްވެވިއެވެ.
ކޮމިޝަނުގެ މެންބަރު އަލްފާޟިލާ ފާތުމަތު އާމިރާވެސް މިރަސްމިއްޔާތުގައި ދަރިވަރުންނާއި މުޚާތަބް ކުރައްވަވައި އެބޭފުޅާގެ އަމިއްލަ ތަޖްރިބާއިން މިސާލުދައްކަވައި ދަރިވަރުންނަކީ މަސައްކަތު އަޚްލާޤް ރަނގަޅު ޒިންމާދާރު ބަޔަކަށްވުމަށް ހިތްވަރުދެއްވެވިއެވެ. އަދި ކޯސްތައް ފުރިހަމަކުރުމުގައި ފަރުވާކުޑަނުކޮށް ވީހާ އަމަލީބައިތަކަށް ސަމާލުކަންދީ ތަމްރީނުވުމަށްމިލިބުނު ފުރުސަތު ހެޔޮގޮތުގައިހިފައި، އިތުރަށްވެސް މަތީތަޢުލީމު ހާޞިލްކުރުމުގެ އަޒުމް އާކޮށް ކާމިޔާބުބަޔަކަށްވުމަށް އެދި ގޮވާލެއްވެވިއެވެ.
2019 ވަނަ އަހަރަށް ކިޔަވާދޭންފެށުން އިފްތިތާހުކުރުމުގެ ރަސްމިއްޔާތު ތަޢާރަފްކޮށްދެއްވެވީ ސީއެސްޓީއައި ގެ ޑިރެކްޓަރ ފާތުމަތް ހަބީބާ އެވެ. އޭނާގެ ވާހަކަފުޅުގައި ސީއެސްޓީގައި އަލަށްފެށޭ ކޯސްތަކުގެ ތަޢާރަފެއް ދެއްވަވައި ދަރިވަރުންގެ ކިބައިން އެދެވިގެންވާ ކަންކަމާގުޅޭގޮތުން މަޢުލޫމާތުދެއްވެވިއެވެ.
މިއަދު ބޭއްވުނު ރަސްމިއްޔާތުގައި މިހާރުވެސް ކުރިއަށްދާ ޑިޕްލޮމާ ކޯހުގެ ދަރިވަރުންނާއެކު އަލަށްފެށޭ 3 ކޯހެއްގެ ދަރިވަރުންނާއި ސީއެސްޓީ އައި ގެ ލެކްޗަރާއިންނާއި މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026