ހައްދުންމަތީ އަތޮޅު ކައުންސިލް ނުވަތަ ލ.އަތޮޅު ކައުންސިލްގެ އިސްބޭފުޅުން ސިވިލް ސަރވިސް ކޮމިޝަނަށް މިއަދު ޒިޔާރަތް ކުރައްވައި، ކޮމިޝަނުގެ ރައީސް ޑރ.ޢަލީ ޝަމީމް އާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި، ލ.އަތޮޅު ކައުންސިލް އިދާރާގެ އިދާރީ އޮނިގަނޑާއި، އަތޮޅު އެހެން ރަށްރަށުގެ އިދާރީ އޮނިގަނޑުތަކުގައިވާ މަޤާމުތަކަށް މުވައްޒަފުން ހަމަނުޖެހިވާތީ ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ. އެގޮތުން ލާމަރުކަޒީ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކައުންސިލްތަކަކީ، އަމިއްލަ ނަމުގައި ދަޢުވާކުރެވޭ ކައުންސިލް ތަކަކަށްވާއިރު، ކޯޓްތަކަށް ހުށަހެޅޭ މައްސަލަތަކުގައި ވަކާލާތުކުރުމަށް އޮނިގަނޑުވާ ލީގަލް އޮފިސަރުގެ މަޤާމަށް މުވައްޒަފުން ހަމަޖެހޭނެގޮތް ފަހިކޮށް ދެއްވުމަށާއި އަދިވެސް ހުސްކޮށްހުރި މަޤާމުތަކަށް އަވަހަށް މުވައްޒަފުން ނެގޭނެގޮތް ހަމަޖައްސަވައި ދެއްވުމަށް ލ.އަތޮޅު ކައުންސިލްގެ ފަރާތުން އެދިވަޑައިގެންނެވި.
އަތޮޅުގެ ބައެއް ކައުންސިލްތަކުގައި ވެރިންގެ ފެންވަރުގެ މުވައްޒަފުން ނެތުމާއި އިސްކޮށް މަސައްކަތް ކުރާ މުވައްޒަފުންގެ ތަޢުލިމީ ފެންވަރު މަތިކުރުމާގުޅޭ ގޮތުންވެސް މިއަދުގެ ބައްދަލުވުމުގައި ވާހަކަދެކެވުނެވެ.
ކޮމިޝަނުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުން ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ކައުންސިލްތައް ބާރުވެރިކުރުވުމަށް ވަރަށްބޮޑަށް އިސްކަން ދެއްވަން ބޭނުންފުޅުވާކަމަށާއި އެހެންކަމުން ކައުންސިލްތަކުގައި މަސައްކަތް ކުރައްވާ މުވައްޒަފުންގެ ޤާބިލްކަން އިތުރުކޮށް ތަމްރީންދިނުމަކީ މުހިންމުކަމެއް ކަމަށް ފާހަގަކުރައްވައި، މިކަމުގައި ކޮމިޝަނުގެ ފުރިހަމަ އެއްބާރުލުން ލިބިވަޑައި ގަންނަވާނެކަމުގައި ކޮމިޝަނުގެ ރައީސް ވިދާޅުވި. އަދި ކައުންސިލްތަކުގެ މަސައްކަތްތައް ހަރުދަނާކުރުމުގައި އިދާރީ އޮނިގަނޑުގައި ހުރި ހުސް މަޤާމުތަކަށް މުވައްޒަފުން ހަމަޖެއްސުމަށް ބޭނުންވާ ފައިސާ ހަމަޖެހިގެން ދިޔުމަކީ މުހިންމުކަމެއްކަމަށްވާތީ، މިކަމާގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީއާއި މަޝްވަރާ ކުރައްވައި ހައްލު ހޯދުމަށް އެއްބަސްވެވުނުނެވެ.
މިއަދުގެ ކޮމިޝަނުގައި ބޭއްވުނު ބައްދަލުވުމުގައި ހައްދުންމަތީ އަތޮޅު ކައުންސިލްގެ ފަރާތުން އިސްކޮށް ބައިވެރިވެ ވަޑައިގެންނެވި ކައުންސިލްގެ ރައީސް ޢަބްދުﷲ ޝަރީފްއާއި ކައުންސިލަރ ޙުސައިން ނަޢީމްއާއި ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޖަމީލްއެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026