މިއަދު ސިވިލް ސަރވިސް ކޮމިޝަނުގައި ބޭއްވުނު ޕާރމަނަންޓް ސެކެޓްރީއިން ހިމެނިވަޑައިގަންނަވާ އެޑްވަޒަރީ ކޮމިޓީ ގެ 2019 ވަނަ އަހަރުގެ 3ވަނަ ބައްދަލުވުމުގައި، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އަދި މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ފަރާތުން އެ މިނިސްޓްރީތަކުން ކުރިއަށް ގެންދާ މުހިންމު މަސައްކަތްތަކާގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރައްވައިފިއެވެ.
ކޮމިޝަންގެ ރައީސް ޑރ.އަލީ ޝަމީމް ރިޔާސަތުބެލެހެއްޓެވި އެޑްވައިޒަރީ ކޮމިޓީގެ ބައްދަލުވުމުގައި މިއަދު މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ފަރާތުން އިސްކޮށް މައުލޫމާތުދެއްވެވީ ހަޔަރ އެޑިއުކޭޝަންގެ މިނިސްޓަރ ޑރ. އިބްރާހިމް ޙަސަނާއި އަދި ސްޓޭޓް މިނިސްޓަރ އަލްފާޟިލާ ޚަދީޖާ އާދަމެވެ. އަދި މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ފަރާތުން މި ކޮމިޓީގެ ބައްދަލުވުމުގައި އިސްކޮށް މަޢުލޫމާތުދެއްވެވީ އެ މިނިސްޓްރީގެ މިނިސްޓަރ މުޙައްމަދު މަލީޙު ޖަމާލް އާއި ޑެޕިއުޓީ މިނިސްޓަރ އަލްފާޟިލާ ފާތިމަތު ޝަހީދާ އެވެ.
މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ފަރާތުން މަޢުލޫމާތު ހިއްސާކުރެއްވެވި މުހިންމު ކަންތައްތަކުގެ ތެރޭގައި ފުރަތަމަ ޑިގްރީ ފެންވަރަށް ހިލޭ ކިޔެވުމުގެ ރައީސުލްޖުމްހުރިއްޔާގެ ވައުދުފުޅާގުޅިގެން ކަންކަން ހަމަޖެހިފައިވާގޮތުގެ މަޢުލޫމާތުދެއްވެވިއެވެ. މިގޮތުން ދައުލަތުގެ 2 ޔުނިވާރސިޓީގައި ކިޔަވާދަރިވަރުންނަށް މުޅިކޯސްފީ ހަމަޖައްސަވައި ދެއްވާނެކަމަށާއި ނަމަވެސް އަމިއްލަ ކޮލެޖްތަކުގައި ކޯސްފީ ދައުލަތުގެ ޔުނިވާރސިޓީތަކަށްވުރެ ބޮޑުކޮށް ހުރުމާއެކު އެތަންތާންގެ ކޯސްފީއަށް ސަރުކާރުން ދެއްވަވާނީ ދައުލަތުގެ ޔުނިވާރސިޓީތަކުގެ ދަރިވަރުންނަށްދެވޭ މިންވަރުގެ މާލީއެހީކަމަށާއި، އެއަށްވުރެ އިތުރުވާބައި ދައްކަންޖެހޭނީ އަމިއްލައަށް ކަމުގައި ވިދާޅުވިއެވެ. އަދި ޑިޕްލޮމާފަދަ ޑިގްރީއަށް ވުރެދަށުގެ ކޯސްތަކަށް ސަރުކާރުގެ ފަރާތުން މާލީއެހީ ނުލިބޭނެކަމުގައި ބަޔާންކުރެއްވެވިއެވެ.
މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީއިން ވަނީ ސަރުކާރުގެ ޑިޖިޓަލައިޒޭޝަން މަޝްރޫޢުއާ ގުޅޭގޮތުންނާއި އަދި ސްމާރޓް ގަވަރންމަންޓް ޕްރޮގްރާމާއި ބެހޭގޮތުން މައުލޫމާތު ހިއްސާކުރައްވާފައެވެ. އެގޮތުން ސަރުކާރުގެ އިދާރާތަކުން ދެމުންދާ ޚިދްމަތްތަކަށް އެދޭފޯމްތައް އޮންލައިންކޮށް ފުރޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތާއި އެއްޕޯޓަލްއަކުން ސަރުކާރުގެ އިދާރާތައް ގުޅާލުމުގެ މަސައްކަތްކުރެވެމުންދާނެކަމުގައި ބަޔާންކުރެއްވެވިއެވެ. އަދި މީގެއިތުރުން ހުރިހާ މިނިސްޓްރީތަކުން އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ބޭނުން ހިފުމުގައި ޚަރަދު ކުޑަކޮށް އެއްނިޒާމެއްގެ ތެރެއިން ބޭނުންކުރެވޭނެގޮތް ހެދުމުގެ މުހިންމުކަމާގުޅޭގޮތުންވެސް ވާހަކަދެއްކެވިއެވެ. އަދި ވެބްސައިޓް ހޮސްޓް ކުރުމާގުޅޭގޮތުންނާއި އީގަވަރމެންޓް އަދި ވިއުގައިގެ ފީޗާރސްތައް އިންޓެގްރޭޓްކުރުމާ އަދާހަމަކުރެވޭނެ ގޮތުގެ ގުޅޭނެ ޕްލޭނެއް އެކުލަވާލުމާބެހޭގޮތުންވެސް މައުލޫމާތު ވަނީ ހިއްސާކުރައްވާފައެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026