ދިވެހިބަހުގެ އެކެޑެމީގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ ނަސީމާ އަޙްމަދު ދިވެހި ސިވިލް ސަރވިސް ގައި ނުވަތަ ޕަބްލިކް ސަރވިސްގައި މެދުނުކެނޑި 40 އަހަރު ޚިދްމަތްކުރައްވަވާފައިވާތީ މިއަދު މިތާރީޚީ އަދި އަގުހުރި ޚިދްމަތުގެ އަގުވަޒަންކުރުމަށް އެ އެކެޑަމީގައި ޚާއްސަ ހަފްލާއެއް ބާއްވައިފިއެވެ. މި ހަފްލާ ޝަރަފްވެރިކޮށްދެއްވެވީ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމެވެ.
އެ އެކެޑަމީގެ ރައީސް އަލްފާޟިލް އަޝްރަފް ޢަލީ ތަޢާރަފްކޮށްދެއްވެވީ ޚިދްމަތުގެ އަގުވަޒަންކޮށް އެކެޑަމީގެ މުވައްޒަފުންގެ ފަރާތުން ނަސީމާ އަޙްމަދަށް ތަޙުނިޔާ ވިދާޅުވުމަށް ބޭއްވުނު ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އެކަޑަމީގެ ރައީސް ނަސީމާގެ އަގުހުރި ޚިދުމަތުގެ މައްޗަށް ބައްލަވާލައްވަވައި، އޭނާއަކީ ނަމޫނާ މުވައްޒަފެއް ކަމުގައި ބަޔާންކުރެއްވެވިއެވެ.
މި ހަފްލާގައި މުވައްޒަފުންގެ ފަރާތުން ނަސީމާ މުޙައްމަދަށް ފާޅުކުރެއްވެވި އަގުވަޒަންކުރެއްވުމުގެ ޝުއޫރުތަކަށްފަހު އޭގެ އިޖާބައިގައި ނަސީމާ ވާހަކަފުޅު ދައްކަވަމުން އޭނާ 40 އަހަރު ޚިދްމަތްކުރެއްވުމުގައި ތަޖްރިބާ ކުރެއްވެވި ކަންކަމާއި ދަސްކުރެއްވެވި ފިލާވަޅުތަކާއި އަދި މަސައްކަތުގެ އަޚްލާޤާއި ސްލޫކް ބެހެއްޓެވިގޮތުގެ މަޢުލޫމާތް މުވައްޒަފުންނާ ހިއްސާކުރެއްވެވިއެވެ. މިގޮތުން ދުވަހަކުވެސް ހާޟިރު ނުވާދުވަހެއް ނޯންނާނެކަމާއި މަސައްކަތަށް ފަރުވާކުޑަކުރައްވަވައިފައިނުވާނެކަމާއި ވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުންގެ އިރުޝާދާއެކު މަސައްކަތްކުރެއްވުމުން މިހާދުވަހު ޚިދުމަތުގައި ކާމިޔާބާއެކު ދެމިހުންނެވުނީކަމުގައި ފާހަގަކުރެއްވެވިއެވެ. އަދި މަސައްކަތް ކުރެއްވުމުގައި އަބަދުވެސް ނަތީޖާނެރެވޭ އާގޮތްގޮތަށް ކަންކުރެވޭތޯ ބެއްލެވިކަމަށާއި އޯގާތެރިކަމާ އެކުވެރިކަމާއެކު މުވައްޒަފުންނާ ގުޅިގެން ޓީމްވާރކް ހަދާގެން ކުރިއަށް ވަޑައިގެންނެވޭތޯ މަސައްކަތްކުރެއްވެވި ކަމުގައި ނަސީމާ ވިދާޅުވިއެވެ.
ނަސީމާ އަޙްމަދުގެ ދިގު ޚިދްމަތުގެ އަގުވަޒަންކުރައްވަވައި ތަހުނިޔާއާއި ޝުކުރު ދެންނެވުމުގެ ގޮތުންނާއި ހަފްލާ ޝަރަފްވެރި ކޮށްލައްވުމުގެގޮތުން ކޮމިޝަން ގެ ރައީސް މި ހަފްލާގައި ވާހަކަފުޅުދެއްކެވިއެވެ. ރައީސްގެ ވާހަކަފުޅުގައި 40 އަހަރު ފަދަ ދިގު މުއްދަތަކަށް މެދުނުކެނޑި ޚިދްމަތްކުރައްވަވާ މުވައްޒަފުންގެ އަގުވަޒަންކުރުން މާނަވީގޮތެއްގައި ކުރަންޖެހޭކަމަށާއި މިކަން ކޮމިޝަނަށް ހުށަހަޅައިގެން ރަނގަޅު ނިޒާމެއް ގާއިމްކުރެވޭތޯ ބައްލަވާނެކަމުގައިވިދާޅުވިއެވެ. އަދި ނަސީމާގެ ކާމިޔާބު ޚިދުމަތުގެ ނުވަތަ ހަޔާތުގެ މައްޗަށް އެހެން މުވައްޒަފުންނަށް ތަޖްރިބާ ހިއްސާކުރެވޭ ގޮތަށް ފޮތެއްނެރެދެއްވުމަށް ނަސީމާގެ އަރިއަހުން އެދިވަޑައިގެންނެވިއެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026