ކެތްތެރިކަމާއި އެކުވެރިކަމާއި އަދި ހޭލުންތެރިކަމާއެކު ޚިދުމަތުގައި ދެމިތިއްބެވުމަށް އެދިވަޑައިގެންފި

20 މެއި 2020



ކޮވިޑް 19 ގެ ރޯގާއާ ގުޅިގެން ގައުމު މިއަދު ތަހައްމަލު ކުރަމުންދާ ދަތިދަނޑިވަޅުގައި އާތަޖްރިބާތަކެއް ކުރަމުން ކެތްތެރިކަމާއި އަދި ހޭލުންތެރިކަމާއި ހެޔޮވިސްނުމާއެކު ސިވިލް ސަރވިސްގެ މުވައްޒަފުން ޚިދުމަތުގައި ދެމިތިއްބެވީތީ އެކަމަށް ތަޢުރީފު ކުރައްވަވައި އަދި މިގޮތުގައި އަދިވެސް ހިތްވަރާއެކު މަސައްކަތްކޮށްދެއްވުމަށް ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް އެދިވަޑައިގެންފިއެވެ.
ރައީސް މިގޮތަށް އެދިވަޑައިގެންފައިވަނީ ރޭގައި ރާއްޖެޓީވީ އަށް ދެއްވި ހާއްސަ އިންޓަރވިއު އެއްގައެވެ. މި އިންޓަރވިއު އަކީ ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކާއި އަދި 17 މޭ ގައި ޚަރަދުތައް ކުޑަކުރުމުގެ ގޮތުން ކޮމިޝަނުން ސިވިލް ސަރވިސްގެ އިދާރާތަކަށް ނެރެފައިވާ ސަރކިއުލަރ އާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރެއްވުމުގެ ގޮތުން ދެއްވި ބަސްދީގަތުމެކެވެ.
ކޮމިޝަނުގެ ރައީސް ފާހަގަކުރެއްވިގޮތުގައި ސިވިލް ސަރވިސްގެ އިދާރާތަކާއި މުވައްޒަފުން ވަރަށް ގުޅިގެން ގެންދަވަނީ ކޮވިޑް 19 ގެ ރޯގާ އާ ގުޅިގެން ސަރުކާރާއި ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ބޭނުންފުޅުވާ ހުރިހާ ކަމެއްގައި ފުރިހަމަ އެއްބާރުލުންދެއްވައި އެހީތެރިވެދެއްވަމުންނެވެ. އަދި މިހާތަނަށް ޝަކުވާއަކަށް ވާކަހަލަ ޝަކުވާއެއް ސިވިލް ސަރވިސްގެ މުވައްޒަފަކާ ގުޅޭގޮތުން ކޮމިޝަނަށް ލިބިފައިނުވާކަމުގައިވެސް ވިދާޅުވިއެވެ.
ޑރ. ޝަމީމް ގެ އިންޓަރވިއުގައި މިވަގުތު ސިވިލް ސަރވިސްގެ އިދާރާތަކަށް އަދި މުވައްޒަފުންނަށް ދަތިވެފައިވާ 2 ކަމެއް ފާހަގަކުރެއްވެވިއެވެ. އެއީ ގޭގައި ތިބެގެން މަސައްކަތް ކުރައްވަވާ މުވައްޒަފުންނަށް ރަނގަޅު ނިޒާމެއްގެ ތެރެއިން އިންޓަރނެޓް ފޯރުކޮށްނުދެވިވުމާއެކު ރޯގާގެ ރައްކާތެރިކަމަށް ބޭނުންވާ ތަކެތި ފުދޭ މިންވަރަށް މިވަގުތު ލިބެމުންނުދާ ކަމެވެ. ނަމަވެސް، މިކަންކަން ފަހިކޮށްދިނުމަށް ކޮމިޝަނުން ކަމާބެހޭ ފަރާތްތަކާއިއެކު މަޝްވަރާ ކުރަމުންދާކަމާއި މިކަންކަމަށް އެދެވޭ ހައްލެއް އަވަސް ފުރުސަތެއްގެ ތެރޭގައި ލިބިގެންދާނެކަމުގައި ޔަގީންކުރެވޭކަމުގައިވެސް ރައީސް އިންޓަރވިއުގައި ވިދާޅުވެފައިވެއެވެ.


ފަހުގެ ޚަބަރުތައް

ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް