އެލް.ޖީ.އޭގެ އައު ސީ.އީ.އޯއެކު ބައްދަލުވުމެއް ބޭއްވިއްޖެ

17 ޖޫން 2020


194*364

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) ގެ މަޤާމާއި އަލަށް ހަވާލުވެވަޑައިގެންނެވި އަފްޝަން ލަތީފް އާއެކު އަތޮޅު އަދި ސިޓީ ކައުންސިލްތަކުގެ ވަގުތީ ސެކެޓްރީ ޖެނެރަލުންގެ ބައްދަލުވުމެއް މިއަދު ބޭއްވިއްޖެއެވެ. އޯޑިއޯ ވީޑިއޯ ކޮންފަރެންސްގެ ޒަރިއްޔާއިން ބޭއްވުނު މި ބައްދަލުވުމަކީ އަތޮޅުތެރޭގައިވާ ކައުންސިލްތަކުގައި ސިވިލް ސަރވިސް އާ ގުޅޭގޮތުން ވިލަރެސްކުރަން ޖެހޭކަންކަމާއި ހަރުދަނާކުރަން ޖެހޭކަންކަމާގުޅޭ ގޮތުން އާންމުކޮށް ސިވިލް ސަރވިސް ކޮމިޝަނުން ބާއްވާ ސިލްސިލާ ބައްދަލުވުންތަކުގެ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމެވެ. ކޮމިޝަނުގެ ރައީސްގެ އިތުރުން ކޮމިޝަނުގެ ބައެއް މެންބަރުންނާއި އެލް.ޖީ.އޭގެ ޑިރެކްޓަރ ޖެނެރަލް ޝަމްއޫނު އާދަމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮމިޝަނުގެ ރައީސް އެލް.ޖީ.އޭގެ އައު ސީއިއޯ އަފްޝަން ލަތީފަށް މަރުހަބާ ވިދާޅުވެ، އަތޮޅު އަދި ސިޓީ ކައުންސިލްތައް ހިންގުމުގައި ސީ.އެސް.ސީ އާއި އެލް.ޖީ.އޭ އަދި ސެކެޓްރީ ޖެނެރަލުން ގުޅިގެން މަސައްކަތްކުރުމުގައި ކޮމިޝަނުގެ ފަރާތުން 100 އިންސައްތަ އެއްބާރުލުން ލިބޭނެކަމުގައި ވިދާޅުވިއެވެ. މިއަދު ބޭއްވުނު ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންތައްތަކަކީ، ކޮވިޑް 19 ގެ ރޯގާ އާއި ގުޅޭގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި އައު އާންމު ހާލަތު ނުވަތަ ނިއު ނޯމަލްގެ ހާލަތަށް ހުޅުވާލާއިރު އަތޮޅުތެރޭގައިވާ ސިވިލް ސަރވިސްގެ އިދާރާތައް ހުޅުވާލައިގެން މަސައްކަތްކުރުމަށް ރާވަމުންދާއިރު ދިމާވެފައިވާ ގޮންޖެހުންތަކާއި އަދި 2 ޖޫން 2020 ގައި އަމަލުކުރަން ފެށިފައިވާ ދިވެހިރައްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ގާނޫނު ގައިވާ ބައެއް ކަންތައްތަކާ ގުޅޭގޮތުންނެވެ. ކޮވިޑް 19 ގެ ރޯގާއިން ރައްކާތެރިވުމަށް އޮފީސްތަކަށް ބޭނުންވާ ސެނިޓައިޒަރ އަދި މާސްކް ފަދަ ތަކެތި އަތޮޅުތެރޭގެ ރަށްރަށުން ލިބެންނެތުމާއި އަދި ގޭގައި ތިބެގެން މަސައްކަތް ކުރުމަށް ބޭނުންވާ މުވައްޒަފުންނަށް އިންޓަރނެޓް ލިބިނުދެވުމާއި އަދިވެސް ރޯގާއާ ގުޅިގެން ކުރަންޖެހޭ ހަރަދުތައް ބަޖެޓް ނުލިބިވާތީ މިކަންކަމަށް ހައްލު ހޯދޭނެ ގޮތާމެދު މަޝްވަރާކުރެވުނެވެ. ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ޤާނޫނާއި ގުޅޭގޮތުން މަޝްވަރާކުރެވުނީ ކައުންސިލް ތަކުގެ އިދާރީ އޮނިގަނޑުތައް ބަދަލުކުރުމާއި މުވައްޒަފުންލައްވައި ނުވަތަ ވަކިކުރުމާ ގުޅޭގޮތުން އެލްޖީއޭ އިން ހުއްދަ ހޯދުމަށް ޤާނޫނުގައި ބަޔާންވެގެންވާ ކަންކަމާގުޅޭގޮތުންނެވެ. އަދި ކައުންސިލްތަކުގެ އިހުތިސޯސް ތެރޭގައި މިހާރު ހިމެނިފައިވާ ބިންބިން ކުއްޔަށް ދިނުމާއި އަދި ބޭނުންކުރުމުގައި އެލްޖީއޭއިން ހުއްދަ ނަގަންޖެހޭ ޖެހުން ކުރިއަށްގެންދަންޖެހޭ ގޮތަކީ ކޮބައިކަން ސާފުނުވާތީ މިކަންކަމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ.
މިއަދުގެ މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ދެއްވެވީތީ އެލްޖީއޯގެ ސީއީއޯ އަފްޝަން ލަތީފް ކޮމިޝަނަށް ޝުކުރު އަދާކުރައްވަވައި ދެއްކެވި ވާހަކަފުޅުގައި ސެކެޓްރީ ޖެނެރަލުން ފާހަގަކުރެއްވެވި ކަންކަން އެލްޖީއޭ ގެ ބޯޑަށް ހުށަހަޅުއްވައިދެއްވައި، އެކަންކަމަށް އަލިމަގެއް ހޯއްދަވާ ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ކުރިއަށްއޮތް ދުވަސްތަކުގައި ބައެއް ބަދަލުތައްގެނެވޭނެކަމަށާއި، މި ބަދަލުތަކާއި އިސްލާހުތަކަށް ކައުންސިލަރުންނާއި ސިވިލް ސަރވަންޓުން އަހުލުވެރިކުރުމުގެ ތަމްރީނު ޕްރޮގްރާމުތައް ހިންގޭނެކަމުގައިވެސް ވިދާޅުވިއެވެ.


ފަހުގެ ޚަބަރުތައް

ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް