ނިއުނޯމަލް ހާލަތުގެ އުސޫލަށް އެޗް.ޕީ.އޭ އާއިއެކު މަޝްވަރާ ކުރައްވައިފި

16 ޖޫން 2020



ކޯވިޑް 19 ގެ ރޯގާގެ ތެރޭގައި "އާންމު ހާލަތަކަށް" ދިއުމުގެ ގޮތުން (ނިއު ނޯމަލް) ސިވިލް ސަރވިސްގެ އިދާރާތަކުގައި އޮފީސް ހިންގާ މުވައްޒަފުން މަސައްކަތްކުރާނެ ގޮތުގެ އުސޫލު ކަނޑައެޅުމާ ގުޅޭގޮތުން މިއަދު ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) ގެ އޮފިޝަލުންނާއެކު ދިވެހި ސިވިލް ސަރވިސްގެ މަސްއޫލު ފަރާތްތައް މިއަދު މަޝްވަރާ ކުރައްވައިފިއެވެ. މިއަދު ހެނދުނު 11 ޖެހިއިރު ބޭއްވުނު އަތޮޅު އަދި ސިޓީ ކައުންސިލްތަކުގެ ވަގުތީ ސެކެޓްރީޖެނެރަލުންގެ ބައްދަލުވުމާއި މެންދުރުފަހު 1 ޖެހިއިރު ބޭއްވުނު ޕަރމަނަންޓް ސެކްރެޓަރީންގެ ބައްދަލުވުމުގައި ނިއުނޯމަލް ހާލަތުގައި އަމަލުކުރާނެ އުސޫލުގެ މައްޗަށް އެޗް.ޕީ.އޭގެ އޮފިޝަލުންނާއެކު މަޝްވަރާ ކުރިއަށްގެންދެވުނީ އޯޑިއޯ/ވީޑިއޯ ކޮންފަރެންސް ގެ ޒަރިއްޔާއިންނެވެ. ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް ރިޔާސަތު ބެލެހެއްޓެވި މި 2 ބައްދަލުވުމުގައި އެޗް.ޕީ.އޭ ގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޑރ. ނަޒްލާ ރަފީގާއި އާމިނަތު ޝައުފާ އެވެ.
ނިއު ނޯމަލްގައި އަމަލުކުރަށްވާ ގޮތުގެ އުސޫލު ނުވަތަ ގައިޑްލައިންގެ ޑްރާފްޓެއްގެ ގޮތުގައި ބައްދަލުވުމުގައި މަޝްވަރާކުރުމަށްޓަކައި ކަރުދާހެއް ހުށަހެޅުނެވެ. މި ކަރުދާސް ތައްޔަރުކޮށްފައިވަނީ ސިވިލް ސަރވިސް ކޮމިޝަނުން ކުރިން ކަމާބެހޭ ފަރާތްތަކާއި ބައްދަލުކުރައްވަވައި މަޝްވަރާ ކުރެއްވުމަށްފަހުގައެވެ. 5 ސޮފްހާގެ މައްޗަށް ފަސް ބައެއް ހިމެނޭގޮތަށް ތައްޔާރުކުރެވިފައިވާ މި ކަރުދާހުގައި އޮފީސްތައް ހިންގުމުގައި ސަލާމަތީގޮތުން ނުވަތަ ރައްކާތެރިކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި އަދި މުވައްޒިފުން އޮފީހަށް ހާޟިރުވެ މަސައްކަތްކުރުމުގައި ރައްކާތެރިކަމުގެ ގޮތުން އަމަލުކުރަންޖެހޭ ގޮތްތައް ބަޔާންވެގެންވިއެވެ. 45 މާއްދާއެއްގެ މައްޗަށް އެކުލަވާލެވިފައިވާ ޑްރާފްޓް ކަރުދާހުގައި އަމިއްލަ ނަފުސު ބަލަހައްޓަންވީ ގޮތާއި، ހުރިހާ ވަގުތެއްގައި މާސްކް އެޅުމާއި 3 ފޫޓަށް މުވައްޒަފުން ގައިދުރުކުރުން ގެންގުޅުމާއި އަދި ވަޒީފާގައި އުޅެނިކޮށް ރޯގާގެ އަލާމާތެއް ފެނިއްޖެނަމަ ހަދަންވާނެ ގޮތައްވެސް ބަޔާން ކުރެވިފައިވެއެވެ.
މިއަދު ބޭއްވުނު މަޝްވަރާ ބައްދަލުވުންތަކުގައި ސިވިލް ސަރވިސްގެ މަސްއޫލުވެރިންގެ ކިބައިގައި ހުރި ސުވާލުތަކަށް އެޗް.ޕީ.އޭ ގެ ފަރާތުން ޑރ. ނަޒްލާ ޖަވާބުދެއްވިއެވެ. ކޮމިއުޓީ ސްޕްރެޑް ނެތް ނުވަތަ ރޯގާ ޖެހެމުންދާ މީހުންނެތް ރަށްރަށުގައި އާދައިގެ ހާލަތުގައި މަސައްކަތްކުރުމުގައިވެސް މާސްކް އެޅުމާއި، ގިނަގިނައިން ސައިބޯނިލައި އަތްދޮވުމާއި އަދި އިށީނދެ އަތްއަޅާ މޭޒުފަދަ ތަންތަނުން ޖަރާސީމު މަރުވާނެގޮތަށް ޑިސްއިންފެކްޓް ކުރުމުގެ މައްޗަށް ސަމާލުވުމަށް އެޗް.ޕީ.އޭގެ ބޭފުޅުން ހަނދާންކޮށްދެއްވިއެވެ. އަދި މުވައްޒަފުން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަހުލުވެރިކުރުމުގެ ގޮތުން މައުލޫމާތު ދީ ޕޯސްޓަރުފަދަ ތަކެތި މުވައްޒަފުންނަށް ފެންނާނެ ގޮތަށް ހިއްޕާފައި ބެހެއްޓުމަށް ސަމާލުކަންދެއްވުމަށް އެޗް.ޕީ.އޭގެ ފަރާތުން އެދިވަޑައިގެންނެވިއެވެ.
އޮފީސްތެރެ ސާފުކޮށް ބަލަހައްޓާ މުވައްޒަފުން ނުވަތަ ކޮންޓްރެކްޓް އުސޫލުން އޮފީސްތަކަށް މިމަސައްކަތް ކޮށްދޭ ފަރާތްތަކަށް ހާއްސަ ތަމްރީނު ތަކެއް ރޭވިފައިވާ ކަމުގައި ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް އިން މިއަދުގެ މަޝްވަރާ ބައްދަލުވުންތަކުގައި ބަޔާންކުރެއްވެވިއެވެ. މިތަމްރީނުތަކަކީ ނެޝަނަލް އިމަޖެންސީ އޮޕަރޭޓިންގ ސެންޓަރާއި ސީ.އެސް.ޓީ.އައި ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ އަދި 2 ދުވަހެއްގެ ތެރޭގައި ފެށޭނެ ތަމްރީނުތަކެއްކަމުގައިވެއެވެ. ސީ.އެސް.ޓީ.އައި ގެ ޑިރެކްޓަރ ފާތިމަތު ހަބީބާ ހާމަކުރެއްވި ގޮތުގައި މިހާރުވެސް 200 ހާ މުވައްޒަފުން ވަނީ މި ތަމްރީނަށް ނަން ނޯޓު ކުރެވިފައެވެ.
މިއަދު މަޝްވަރާކޮށް ނިންމުނު ނިއު ނޯމަލްގެ ހާލަތުގައި އަމަލުކުރެވޭ އުސޫލަކީ އަސާސީ ނުކުތާތަކެއް ހިމެނިފައިވާ އުސޫލެއް ކަމަށާއި، މިނުކުތާތަކާ ހިލާފު ނުވާ ގޮތެއްގެ މަތީން ކޮންމެ އިދާރާއަކުން އެ އިދާރާ އަކުން ފޯރުކޮށްދޭ ހިދުމަތްތަކާއި ކުރާ މަސައްކަތްތަކަށް ރިއާއަތްކޮށް މިއަށްވުރެ ތަފްސީލީ އުސޫލެއް އެކުލެވިދާނެކަމުގައި ކޮމިޝަނުގެ ރައީސް ބަޔާންކުރެއްވެވިއެވެ. އަދި ކޮންމެ އިދާރާއަކުން ތައްޔާރުކުރާ އުސޫލުގެ ނަކަލެއް ކޮމިޝަނުގެ ވެބްސައިޓަށް ލުމަށްޓަކައި ފޮނުއްވަވާދެއްވުމަށްވެސް ކޮމިޝަނުގެ ރައީސް މިއަދުގެ ބައްދަލުވުންތަކުގައި އިދާރާތަކުގެ ކިބައިން އެދިވަޑައިގެންނެވިއެވެ. ކޮންމެ 2 ހަފްތާއަކު އެއް ހަފްތާގައި ކޮވިޑް 19 ގެ ރޯގާއާއި ގުޅިގެން ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ކުރަމުންދާ ކަންތައްތަކުގެ ރިޕޯޓެއް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވަންޖެހޭތީ، ސިވިލް ސަރވިސްގެ އިދާރާތަކުން ނިއު ނޯމަލްގެ އުސޫލަށް އަމަލުކުރެވެމުންދާގޮތުގެ މަޢުލޫމާތު ހިއްސާކޮށްދެއްވުމަށްވެސް ރައީސް އެދިވަޑައިގެންނެވިއެވެ.


ފަހުގެ ޚަބަރުތައް

ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް