25 ނޮވެމްބަރ 2019
ސިވިލް ސަރވިސް ކޮމިޝަނާއި ޗައިނީޒް ނެޝަނަލް އެކަޑަމީ އޮފް ގަވަރނަންސް އާއި ގުޅިގެން ހިންގާ ތަމްރީނު ޕްރޮގްރާމް "އެގްޒެކެޓިވް ޓްރެއިނިންގ ޕްރޮގްރާމް ފޯރ މޯލްޑިވްސް ސިވިލް ސަރވަންޓްސް 2019" މިއަދު ފަށައިފިއެވެ.
"އެގްޒެކެޓިވް ޓްރެއިނިންގ ޕްރޮގްރާމް ފޯރ މޯލްޑިވްސް ސިވިލް ސަރވަންޓްސް 2019" ފެށުމުގެ ގޮތުން ސިވިލް ސަރވިސްގައި މިއަދު ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ޕްރޮގްރާމުގައި ސިވިލް ސަރވިސް މުވައްޒަފުންނަށް އަމާޒުކޮށް ޖުމްލަ ތިން ދުވަހަށް ބަހާލެވިގެން 3 ސެޝަނެއް ބޭއްވުމަށް ހަމަޖެހިފައި ވެއެވެ. އެގޮތުން މި ޕްރޮގްރާމުގެ ފުރަތަމަ ދުވަހުގެ ސެޝަންތައް ކުރިއަށް ގެންދާނީ ސުޕަވައިޒަރީ ލެވެލްގެ މުވައްޒަފުންނަށެވެ. އަދި ދެވަނަ ދުވަހުގެ ސެޝަންތައް ޚާއްސަ ވެގެންދާނީ ޕަރމަނަންޓް ސެކްރެޓަރީންނާއި ޒިންމާދާރު އިސްވެރިންނަށެވެ. އަދި 3 ވަނަ ދުވަހުގެ ސެޝަންތަކުގައި ބައިވެރިވެވަޑައިގަންނަވާނީ ޑިރެކްޓަރ ޖެނެރަލް ލެވެލްގެ މުވައްޒަފުންނަށެވެ. "އެގްޒެކެޓިވް ޓްރެއިނިންގ ޕްރޮގްރާމް ފޯރ މޯލްޑިވްސް ސިވިލް ސަރވަންޓްސް 2017"ގެ ސެޝަންތައް ކުރިޔަށްގެންދަވަނީ ޗައިނީޒް އެކަޑަމީ އޮފް ގަވަރނަންސްގެ 7 މެންބަރުންގެ މައްޗަށް އެކުލެވޭ ޓީމަކުންނެވެ. މި ސެޝަނުގައި ސިވިލް ސަރވިސްގެ އެކި އިދާރާތަކުން 80 މުވައްޒަފުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.
މި ތަމްރީނު ޕްރޮގްރާމް ފެށުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމު ވިދާޅުވީ ޗައިނާ ފަދަ ސިވިލް ސަރވިސްގެ ޚިދުމަތް ކުރިއަރާފައިވާ ޤައުމެއްގެ ޕްރޮފެސަރުންގެ ޓީމަކުން އެ ޤައުމުގެ ހިންގުމުގެ ދާއިރާގެ ތަޖްރިބާތައް ރާއްޖޭގެ ސިވިލް ސަރވިސްގެ މުވައްޒަފުންނާ ޙިއްސާކުރުމަށް މިފަދަ ތަމްރީނު ޕްރޮގްރާމެއް ހިންގަވައިދެއްވާ ކަމީ ރާއްޖެއަށް އެކަމުން އެތައްފައިދާތަކެއް ލިބިގެންދާނެ ކަމެއްކަމުގައެވެ. އަދި ޗައިނާ އިން ރާއްޖެއަށް ކޮށްދެއްވާ އެހީތެރިކަން ފާހަނގަކޮށް އަދި ސިވިލް ސަރވިސްގެ ތަރައްޤީއަށް އެހީތެރިކަންފޯރުކޮށްދެއްވާކަމަށްޓަކައި ޗައިނާ ސަރުކާރަށް ޝުކުރު އަދާކުރެއްވެވިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ޗައިނީޒް އެކަޑަމީ އޮފް ގަވަރނަންސްގެ ޓީމުގެ ފަރާތުން މިސްޓަރ ޒޫ ޒިޔާން އަދި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސަލަންސީ މިސްޓަރ ޒަންގް ލިޒޯންގް ވެސް ވަނީ ވާހަކަފުޅުދައްކަވާފައެވެ. ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާހަކަފުޅުގައި ސިވިލް ސަރވިސް ކޮމިޝަނާއި ޗައިނީޒް އެކަޑަމީ އޮފް ގަވަރނަންސް އާއިއެކު ވެފައިވާ އެއްބަސްވުން މުއްދަތުހަމަވެފައިވާތީ އަލުން އެއްބަސްވުމެއްގައި އަންނަ އަހަރު ސޮއިކުރެވޭނެ ކަމުގައި ދެންނެވިއެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026