ބަންގުލާދޭޝްގެ ޕަބްލިކް ސަރވިސް ކޮމިޝަނާއެކު ގުޅުން ބަދަހިކުރުމަށް މަޝްވަރާ ކުރައްވައިފި

05 ފެބްރުއަރީ 2020



ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމް މިހާރު ބަންގްލާދޭޝްގެ ޑާކާ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު އެގައުމުގެ ސިވިލް ސަރވަންޓުންގެ ކަންތައްތައް ބަލަހައްޓާ ބެލެނިވެރިފަރާތްކަމުގައިވާ ބަންގްލާދޭޝް ގެ ޕަބްލިކް ސަރވިސް ކޮމިޝަނަށް ޒިޔާރަތްކުރައްވަވައި ދެކޮމިޝަނުގެ ދެމެދުގައި ގުޅުން ބަދަހިކުރުމަށްޓަކައި މަޝްވަރާކުރައްވަވައިފިއެވެ. ބަންގްލާދޭޝް ޕަބްލިކް ސަރވިސް ކޮމިޝަނަށް ޑރ. އަލީ ޝަމީމް ޒިޔާރަތްކުރެއްވުމުން އެކޮމިޝަނުގެ ޗެއަރމަން ޑރ. މުހައްމަދު ސަދީޤް އާއި ބައެއް އެހެން މެންބަރުން އަދި މުވައްޒަފުން ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ. އަދި އެ ޤައުމުގެ ބާނީ ކަމުގައިވާ ޝެލް މުޖީބުއްރަހުމާންގެ ހަނދާނުގައި ހަދާފައިވާ ބިނާއެއްގައި މާފައްޗެއް ބާއްވަވާދެއްވަވައި އަދި ގައުމަށް ޓަކައި ގުރުބާންވެފައިވާ ޕަބްލިކް ސަރވަންޓުންގެ ޒިކްރާ އައުކުރުމަށް އެކޮމިޝަނުގެ އިމާރާތުގެ ތެރޭގައި ހަދާފައިވާ ހަނދާނީބިނާ އަކަށްވެސް ޒިޔާރަތްކުރައްވަވައި މާބޮޑިއެއް ބޭއްވެވިއެވެ.
ބަންގްލާދޭޝްގެ ކޮމިޝަނަށް ކޮމިޝަނުގެ ރައީސް ކުރެއްވެވި ޒިޔާރަތުގައި އެގައުމަށް ކަނޑައަޅުއްވަވާފައި ހުންނަވާ ސަފީރު ހިޒް އެކްސަލަންސީ އައިޝަތު ޝާން ޝާކިރާއި ފަސްޓް ސެކެޓްރީ އަހްމަދު ފަޒީލް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ދެކޮމިޝަނުގެ ދެމެދުގައި ގުޅުން ބަދަހިކޮށް ސިވިލް ސަރވިސް ތަރައްޤީ ކުރުމަށް ގުޅިގެން މަސައްކަތްކުރުމާއި ތަޖްރިބާ ހިއްސާކުރުމުގެ ގޮތުން ބޭއްވުނު މަޝްވަރާ ބައްދަލުވުމުގައި ދެފަރާތުގެ ގުޅުން ރަސްމީކުރުމުގެ ގޮތުން ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި ފަހުމުނާމާއެއް އެކުލަވާލުމަށް އެއްބަސްވެވުނެވެ. އަދި މި ބައްދަލުވުމުގައި ކޮމިޝަނުގެ އެއް މެންބަރުކަމުގައިވާ ޕްރޮފެސަރ ޑރ. އަބްދުލް ޖައްބާރު ޚާން އެކޮމިޝަން ހިންގޭގޮތާއި އަދި ކާމިޔާބު ކުރެވިފައިވާ ކަންކަމުގެ މައްޗަށް ޕަވަރޕޮއިންޓް ޕްރެޒެންޓޭޝަނެއް ދައްކަވާދެއްވިއެވެ. ކޮމިޝަނުގެ ރައީސް މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ރާއްޖޭގައި ބޭއްވުމަށް ރޭވެމުންދާ ސާރކް ޕަބްލިކް ސަރވިސްގެ ވެރިންގެ 7 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންދެއްވުމަށް ބަންގްލާދޭޝްގެ ޗެއަރމަނާއެކު ވަފުދެއް ރާއްޖެ ޒިޔާރަތްކުރެއްވުމަށް ދައުވަތު އެރުވިއެވެ.


ފަހުގެ ޚަބަރުތައް

ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް