
ސިވިލް ސަރވިސް މެދުވެރިކޮށް ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާ ގުޅިގެން، ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، ޝަކުވާ ހުށަހެޅުމާއި އެ ޝަކުވާތަކަށް ޖަވާބުދާރީވުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ސިވިލް ސަރވިސް ކޮމިޝަނުން އިސްނަގައިގެން ފަރުމާކުރެވުނު "ކޮމްޕްލެއިންޓްސް މޮޑިއުލް" (ޝަކުވާ ހުށަހެޅުމާއި އެ ޝަކުވާތަކަށް ޖަވާބުދާރީވުމުގެ ނިޒާމު) އިފްތިތާޙުކުރުމުގެ ރަސްމިއްޔާތު 27 އޮގަސްޓު 2025 ވީ ބުދަ ދުވަހު މި ކޮމިޝަނުގައި ވަނީ ބާއްވާފައެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވައި، ކޮމްޕްލެއިންޓްސް މޮޑިއުލް އިފްތިތާޙުކޮށް ދެއްވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މަހުމޫދު ޝައުޤީއެވެ. މި ރަސްމިއްޔާތުގައި އެ މަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، ޝަކުވާ ހުށަހަޅައި އެއަށް ޖަވާބުދާރީވުމުގެ މުހިއްމުކަން ފާހަގަކޮށް، އެ ކަމުގެ ސަބަބުން ދެވޭ ޚިދުމަތް އިތުރަށް ހަރުދަނާވެގެންދާނޭކަން ފާހަގަކުރެއްވިއެވެ. އަދި ޝަކުވާ ހުށަހެޅުމަށް ފަސޭހަގޮތްތަކެއް ހުޅުވިގެންދިއުމަކީ، ހުށަހެޅޭ ޝަކުވާ އިތުރުވެގެންދާނޭކަމެއް ކަމަށާއި، ހުށަހެޅޭ ޝަކުވާތަކަށް ގަވާއިދުން ޖަވާބުދާރީވުމަކީ އެއަށް ވުރެ މާ މުހިއްމުކަމެއް ކަމަށާއި، އެ ކަމަށް ސިވިލް ސަރވިސްގެ އިދާރާތަކުން ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
ކޮމްޕްލެއިންޓްސް މޮޑިއުލް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ސިވިލް ސަރވިސްގެ މަސްއޫލު އިދާރާތަކުގެ ޕަރމަނަންޓް ސެކްރެޓަރީންނާއި، ހިއުމަން ރިސޯސްއާބެހޭ ބައިގެ އިސްވެރިންނާއި ކޮމިޝަނުގެ އިދާރާގެ އިސްވެރިން ބައިވެރިވެލެއްވިއެވެ. އަދި އޮންލައިންކޮށް ކައުންސިލްގެ އިދާރާތަކުގެ ސެކްރެޓަރީ ޖެނެރަލުން ބައިވެރިވެލެއްވެވިއެވެ.
ފާއިތުވި އަހަރުތަކުގައި އެވްރެޖް ގޮތެއްގައި އަހަރެއްގެ ތެރޭގައި ހަމައެކަނި ކޮމިޝަނަށް 7118 އަށް ވުރެ ގިނަޝަކުވާ (ކޮމްޕްލެއިންސް) ހުށަހެޅިފައިވެއެވެ. ފާއިތުވި 2024 ވަނަ އަހަރު ކޮމިޝަނަށް 8681 ޝަކުވާ ހުށަހެޅި، 8631 ޝަކުވާއަށް ކޮމިޝަނުން ޖަވާބުދާރީވެފައިވެއެވެ.
މި މޮޑިއުލް އެކުލަވާލުމުގެ މަޤުޞަދުތަކުގެ ތެރޭގައި، ޝަކުވާ ހުށަހެޅުމާއި ޝަކުވާއަށް ޖަވާބުދާރީވުމުގެ ނިޒާމު ހަރުދަނާކުރުމާއި، ޝަކުވާއަށް އަވަހަށް އެޓެންޑްވުމާއި، ޝަކުވާ ހުށަހެޅި ފަރާތަށް ޖަވާބުދެވުނުކަން މިހާރަށް ވުރެ ބޮޑަށް މޮނިޓަރކޮށް ބެލެހެއްޓުން ހަރުދަނާކުރުމާއި، ޝަކުވާއަކަށް އިދާރާއަކުން ދޭ ޖަވާބާމެދު ހިތްހަމަނުޖެހޭ ޙާލަތުގައި އެޕީލްކުރެވޭ ނިޒާމު ވެސް ހަރުދަނާކުރުން ހިމެނެއެވެ. އަދި، ސިވިލް ސަރވިސްގެ އިދާރާތަކަށް އެކިއެކި ގޮތްގޮތުން ހުށަހަޅަމުންދާ ޝަކުވާތަކަށް އެ އިދާރާތަކުން ޖަވާބުދާރީވަމުންދާގޮތް މޮނިޓަރކޮށް ބެލެހެއްޓުން އިތުރަށް ހަރުދަނާކުރުން ވެސް ހިމެނެއެވެ.
މި މޮޑިއުލްގެ ތެރެއިން، ހުށަހެޅޭ ޝަކުވާއާއި ޝަކުވާއަށް ޖަވާބުދާރީވުމުގެ ޕްރޮސެސް ކުރިޔަށްދާގޮތުގެ ޕްރޮގްރެސް ޝަކުވާ ހުށަހެޅި ފަރާތަށް ވަގުތުންވަގުތަށް ލިބެމުންދިއުމާއެކު، ޝަކުވާއާ ގުޅޭ ހުރިހާ ލިޔެކިޔުންތަކެއް ގަވާއިދުން ބަލަހައްޓަމުން ގެންދެވޭނެއެވެ. މި ޝަކުވާ ހުށަހެޅުމާއި ޖަވާބުދާރީވުމުގެ ނިޒާމުގެ ތެރެއިން، ސިވިލް ސަރވިސް މުވައްޒަފުންނާއި ޢާންމު ރައްޔިތުންނަށް ކޮމިޝަނަށާއި ސިވިލް ސަރވިސްގެ ކޮންމެ އިދާރާއަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވިގެންދާނެއެވެ. އަދި، ކޮމިޝަނަށާއި ސިވިލް ސަރވިސްގެ އިދާރާތަކަށް ޝަކުވާ ހުށަހެޅުމާއެކު، އެ އިދާރާތަކުން އެ ޝަކުވާތަކަށް ޖަވާބުދާރީ ވެސް ވެވޭނެއެވެ. ކޮމިޝަނަށް ސީދާ ހުށަހަޅަންޖެހޭ ޝަކުވާތައް ސީދާ ކޮމިޝަނަށް ހުށަހެޅުމުގެ ފުރުޞަތު ވެސް ތަނަވަސްވެގެންދާނެއެވެ.
ފަހުގެ ޚަބަރުތައް

ކޮމްޕްލިއެންޓްސް މޮޑިއުލް އިފްތިތާޙުކޮށްފި
27 އޯގަސްޓް 2025
.jpg)
އަޔަލޭންޑުގެ ސަފީރު ސިވިލް ސަރވިސް ކޮމިޝަނާ ބައްދަލުކުރައްވައިފި
04 ފެބްރުއަރީ 2025

ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް (އެން.ސީ.ޖީ.ޖީ) އިންޑިއާ، އާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު އައުކޮށް ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ސިވިލް ސަރވިސް މުވައްޒަފުންނަށް ހިންގާ ތަމްރީނު ޕްރޮގްރާމުތައް ފަށައިފި
07 ސެޕްޓެމްބަރ 2024
.png)
ސިވިލް ސަރވިސް ކޮންފަރެންސް 2024 މިއަދު ފަށައިފި
09 ޖޫން 2024
"މޯލްޑިވްސް ސިވިލް ސަރވިސް ކޮންފަރެންސް 2024" އާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ ފަރާތްތަކާ އެކު ފަހުމުނާމާ/އެއްބަސްވުމުގައި ސިވިލް ސަރވިސް ކޮމިޝަނުން ސޮއި ކުރައްވައިފި
04 ޖޫން 2024