ބަންގްލާދޭޝްގައި މިހާރު ކުރިއަށްދާ ކޮންފަރެންސްގައި ކޮމިޝަނުގެ ރައީސް ތަޤްރީރު ކުރައްވަވައިފި

08 ފެބްރުއަރީ 2020



ބަންގްލާދޭޝް ޕަބްލިކް އެޑްމިނިސްޓްރޭޝަން ޓްރެއިނިންގ ސެންޓަރުން ބާއްވާ 7 ވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް ޑިވެލޮޕްމަންޓް ގައި މިއަދު ކިނޯޓް ސްޕީކަރެއްގެ ގޮތުން ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް ތަޤްރީރު ކުރައްވަވައިފިއެވެ. ކޮންފަރެންސްގެ ޕްލިނެރީގައި ރައީސް ތަޤްރީރު ކުރައްވަވައިފިއެވެ. ކޮންފަރެންސްގެ ޕްލިނެރީގައި ރައީސް ތަޤްރީރު ކުރެއްވެވީ "ޓުވާރޑްސް އަ ނިއު އިމޭޖިނޭޝަން ފޯ ސިވިލް ސަރވިސް އެންޑް އިޓްސް ކެޕޭސިޓީ ބިލްޑިންގ އެޕްރޯޗް" މި މަޢުޟޫއުގެ މައްޗަށެވެ.
މި ތަގްރީރުގައި ތަރައްޤީވަމުން އަންނަ ގައުމުތަކުގެ ސިވިލް ސަރވިސް ޒަމާނީކޮށް ކުރިއެރުވުމަށް ބައިނަލް އަޤްވާމީ ފެންވަރުން ދިމާވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވާލައްވަވައި، މި ކަންކަމަށް ހައްލެއްހޯދާ ދިނުމަށް ވާލްޑް ޓްރޭޑް އޮގަނައިޒޭޝަން ނުވަަތަ އިންޓަރނޭޝަނަލް ލޭބަރ އޮގަނައިޒޭޝަން ނޫންނަމަ ސާރކް އަށް ހުށަހަޅައި މިފަދަ ކަންކަމުގައި ބައިނަލް އަޤްވާމީ ގޮތުން އަމަލުކުރެވޭފަދައިން މުއާހަދާއެއް ފަދަ އޮނިގަނޑެއް އެކުލަވާލުމަށް ގޮވާލެއްވެވިއެވެ. ބައިނަލް އަޤްވާމީގޮތުން ދިމާވާ ގޮންޖެހުންތަކަކީ، ދިވެހި ސިވިލް ސަރވަންޓުންނަ ބޭރުގެ ގައުމުތަކަށް ތަޢުލީމާއި ތަމްރީނު ދިނުމަށް ފޮނުވުމުން، އެގައުމުތަކުގެ ދަރިވަރުންގެ އަތުންނުނަގާ އިންޓަރނޭޝަނަލް ޑިފަރެންޝިއަލް ފީ އެއް އިތުރު ފީއެއްގެ ގޮތުގައި ނަގާ މައްސަލާއާއި، ދިވެހިރާއްޖޭ ދައުލަތުން ފުރަތަމަ ޑިގްރީ އާ ހަމައަށް ކިޔަވާދޭ މީހުން އެހެން ގައުމުތަކަށް ހިޖްރަކުުރުމުގެ ފުރުޞަތު ދެމުން ގެންދިއުމެވެ. މިހެން ދިމާވުމުން، ތަޖްރިބާ ލިބިފައިވާ ގާބިލް މުވައްޒަފުން ގެއްލެމުންދާކަމަށާއި، އެފަރާތްތައް ނަގާ ގައުމުތަކުން އެމީހުންގެ ތައުލީމާއި ތަމްރީނަށް އެންމެ ފައިސާ ފޮއްޗެއްވެސް ޚަރަދު ނުކޮށް ނަފާ ލިބޭކަން ކޮމިޝަނުގެ ރައީސް ފާހަގަކުރެއްވެވިއެވެ. މިހެންދިމާވާނަމަ އެމީހަކު އުފެއްދުމަށް ދައުލަތުންކުރި ޚަރަދަށް ކޮންމެވެސް ވަރެއްގެ ބަދަލެއް ލިބެންޖެހޭކަމަށް ވިދާޅުވެ، މިކަންކަމާ ގުޅޭގޮތުން، ދުނިޔޭގެ ކަމުވޮށިވެގެންވާ ޖަމްއިއްޔާތަކަށް މިމައްސަލަތައް އަވަހަށް ހުށަހެޅުމަށް ކޮމިޝަނުގެ ރައީސް ގޮވާލެއްވެވިއެވެ. މިކަންކަން ހުއްޓުވިގެންނޫނީ ސިވިލް ސަރވިސްތައް ތަރައްޤީކޮށް ފެންވަރުމަތިކުރުމަށް ކުރާ މަސައްކަތަށް އެދެވޭ ނަތީޖާ އެއް ނުނެރެވޭނެ ކަމުގައި ރައީސް ބަޔާންކުރެއްވެވިއެވެ. މީގެ އިތުރުންވެސް ޑިޖިޓަލްގެ ގޮތުން ކުރިއެރުމަށް ބަޖެޓް ނުބައްދަލު ޚަރަދުތައް ކުރަންޖެހޭކަމަށާއި، މިކަމުގެ ސަބަބުން ނަފާ ލިބެނީ ކުރިއަރާފައިވާ ގައުމުތަކަށް ކަމަށާއި ކުދި ގައުމުތަކުން ވަނީ ދަރަނިވެރިވުން ކަމުގައި ފާހަގަކޮށް މިކަމަށްވެސް ބައިނަލްއަޤްވާމީ މިންގަނޑަކުން ތަރައްޤީވުމަށް މަސައްކަތް ކުރާ ގައުމުތަކަށް ލުޔެއް ލިބެންޖެހޭނެކަމަށް ވިދާޅުވެ މިކަމުގެ ސަބަބުން ނޭދެވޭ އަސަރު ކުރުން ހުއްޓުވުމަށް އެހީތެރިވެދިނުމަށް ކުރިއަރާފައިވާ ގައުމުތަކުން ގޮވާލެއްވެވިއެވެ.


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ޗެޓް ބޮޓް