14 ނޮވެމްބަރ 2018
ސިވިލް ސަރވިސް ތްރެއިނިންގ އިންސްޓިޓިއުޓުގެ ދަރިވަރުން އިސްނަގައިގެން ބޭއްވި ބްލަޑް ކޭމްޕްގައި 40 އަށްވުރެ ގިނަ ފަރާތްތަކުން ލޭ ހަދިޔާކޮށްފިއެވެ. މިއަދު ސީއެސްޓީއައި ގައި ބޭއްވި މި ހަރަކާތުގައި ލޭ ހަދިޔާކުރުމުގެ އިތުރުން މިއަދަކީ ބައިނަލް އަޤްވާމީ ގޮތުން ފާހަގަކުރެވޭ ދުނިޔޭގެ ހަކުރުބަލީގެ ދުވަސްކަމަށްވުމާއެކު މި ދުވަހުގެ މުނާޞަބާވެސް ފާހަގަކުރުމުގެ ގޮތުން ހަކުރުބައްޔަށް ޓެސްޓްކޮށްދިނުމާއި ހަކުރުބައްޔާބެހޭ މައުލޫމާތު ދިނުންވެސް ކުރިޔަށްދިޔައެވެ. ހަކުރުބައްޔަށް ޓެސްޓްކޮށްދިނުމާއި ހަކުރު ބައްޔާބެހޭ މައުލޫމާތު މި އިވެންޓްގައި ދެއްވީ ދަމަނަ ވެށީގެ ފަރާތުންނެވެ.މިއަދު ހެނދުނު 10 އިން މެންދުރުފަހު 2 އަށް ކުރިޔަށްގެންދިޔަ ލޭ ހަދިޔާކުރުމުގެ މިހަރަކާތަކީ މޯލްޑިވްސް ބްލަޑް ސަރވިސަސްއާ ގުޅިގެން ތެލެސީމިއާ ކުދިންނަށް ބޭނުންވާ ލޭ ހޯދުމަށް އެހީތެރިވެދިނުމުގެ މަޤްޞަދުގައި ކުރިޔަށްގެންދިޔަ ހަރަކާތެކެވެ.
ލޭ ހަދިޔާކުރުމުގެ މި ހަރަކާތް ނިންމުމުގެ ގޮތުން މިއަދު މެންދުރުފަހު ސީއެސްޓީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ 2018 ވަނަ އަހަރު ރާއްޖޭގެ ޤައުމީ އެތްލެޓިކްސް މުބާރާތުގެ އެންމެމޮޅު ދުވުންތެރިޔާ، އެމްއެންޑީއެފްގެ ކޯޕްރަލް ހުޞައިން ފަޒީލު ހާރޫންއެވެ. މި ރަސްމިއްޔާތުގައި ފަޒީލު ދެއްކެވި ވާހަކައިގައި ލޭހަދިޔާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަދެއްކެވިއެވެ. ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމު މި ރަސްމިއްޔާތުގައި ދެއްކެވި ވަހަކަފުޅުގައި، މަސަކަތުގެ މާހައުލުގައިވެސް ކާމިޔާބާއެކު ކުރިޔަށް ދިއުމުގައި ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިހުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ފަރާތުން އެ މަރުކަޒުގެ އެސޯސިއޭޓް ސްޕެޝަލިސްޓް އިން ޕީޑިއަޓްރިކް ޑރ. މުޙައްމަދު އުމަރު ދެއްކެވި ވާހަކަފުޅުގައި، ލޭ ހަދިޔާކުރުމަށް ބާއްވާ މިފަދަ ކޭމްޕަތައް ފަދަ ހަރަކާތްތަކުގައި ގިނަ ޢަދަދެއްގެ މީހުން ލޭ ހަދިޔާކުރަމުންދިޔަ ނަމަވެސް އެ ސަރވިސަސްއަށް ބޭނުންވާ މިންވަރަށް ލޭ ދާއިމީގޮތެއްގައި ލިބެމުން ނުދާކަން ފާހަގަކުރެއްވިއެވެ. މުޙައްމަދު އުމަރު ވިދާޅުވީ ލޭ ދޭ ފަރާތްތަކުން ކޮންމެ ތިންމަހުން ތިންމަހުން ޤަވާޢިދުން ލޭ ދެއްވަމުން ގެންދަވާނަމަ އެ ސަރވިސަސްއަށް ބޭނުންވާ މިންވަރަށް ލޭ ލިބުމުގައި ދަތިކަމެއް ކުރިމަތިނުވާނެ ކަމަށެވެ. އެހެންކަމުން ލޭ ދެއްވާ ފަރާތްތަކުން މިފަދަ ކޭމްޕަތައް ބާއްވަންދެން ލޭ ދެއްވަން މަޑުނުކުރައްވާ އެސަރވިސަސްއަށް ވަޑައިގެން ޤަވާޢިދުން ލޭ ދެއްވަމުން ގެންދެވުމަށް އެދިވަޑައިގެންނެވިއެވެ. އަދި އެ މަރުކަޒުގައި ހުކުރުދުވަސް ނޫން ކޮންމެދުވަހަކުވެސް ލޭ ނެގުމުގެ އިންތިޒާމު ހަމަޖެހިފައި އޮންނާނެކަމަށް މުޙައްމަދު އުމަރު ވިދާޅުވިއެވެ.
ސީއެސްޓީއައިގެ ދަރިވަރުންގެ އިސްނެގުމާއެކު ކޮންމެ އަހަރަކު ކުރިޔަށްގެންދިއުމަށް ރޭވިފައިވާ މިހަރަކާތް ބާއްވާ މިއީ ދެވަނަ ފަހަރެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026