އުތީމު ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ކޮމިޝަނުގެ ރައީސް ޕީޑީ ސެޝަނެއް ހިންގަވައިދެއްވައިފި

10 ނޮވެމްބަރ 2018



މިއަހަރު ޤައުމީ ދުވަހުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވުމަށް ހއ. އުތީމަށް ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް 10 ނޮވެންބަރުގައި ކުރެއްވި ޒިޔާރަތުގައި މެންދުރުފަހު 3:30އިން 5އަށް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ސެޝަނެއް އުތީމުގައިވާ ސިވިލް ސަރވިސްގެ އެންމެހާ އިދާރާތަކަށް ނަންގަވައިދެއްވައިފިއެވެ. ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގައި ކުރިޔަށްގެންދެވުނު މި ތަމްރީނު ސެޝަނުގައި މަސައްކަތްތެރިއެއްގެ ގޮތުން މުވައްޒަފުންގެ މައުލޫމާތާއި ހުނަރާއި ޤާބިލުކަން އިތުރުކުރުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު މުވައްޒަފުންނާ ޙިއްޞާކުރެއްވިއެވެ. އަދި ތަފާތު ތަކެތީގެ މިސާލުތައް ދައްކަވައި އަބަދު ތާޒާވެ ހުންނާނެ ގޮތާއި، އަމިއްލައަށް ތިމާ ފެންވަރު މަތިކުރުމަށް ވިސްނާނެ ގޮތާއި އަމިއްލަ އެހީގައި ކުރިޔަށްދެވިދާނެ ގޮތާއި އަދި މަސައްކަތަށް ޝައުގުވެރިކަން އުފެއްދިދާނެ ވިސްނުމާއި އަމަލުތައް ގެންގުޅޭނެ ގޮތުގެ މައްޗަށްވެސް މި ސެޝަންގައި މައުލޫމާތު ޙިއްސާކުރެވުނެވެ.

އުތީމު ކައުންސިލުގެ ޒިންމާދާރުވެރިޔާ އަލްފާޟިލް ޢަބުދުﷲ އައްސަދު ވިލަރެސްކުރައްވަވައި އިންތިޒާމު ކޮށްދެއްވި މި ޕީޑީ ސެޝަންގައި ބައިވެރިވެ ވަޑައިގެންނެވި މުވައްޒަފުންގެ ފަރާތުން ފީޑްބެކް ދެއްވަމުން ވިދާޅުވީ ސެޗަންގައި ޙިއްސާކުރެވުނު މައުލޫމާތުތައް ވަރަށް ރަނގަޅުކަމަށް ބައިވެރިން ބަޔާންކުރި ކަމަށާއި، މީގެ ފުރިހަމަ ސެޝަނެއް ވަގުތު އޮވެގެން ބާއްވައިދިނުމަށް މުވައްޒަފުން އެދޭކަމަށެވެ.

ޕީޑީ ސެޝަނުގެ ތެރޭގައި ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމު އުތީމު ސްކޫލުގެ ލައިބްރަރީއަށް ހަދިޔާކުރެއްވި ފޮތްސެޓެއްވެސް ސްކޫލާ ހަވާލުކޮށްދެއްވުން އޮތެވެ. މި ފޮތް ސެޓަކީ ދިވެހިބަހުން ލިޔެވިގެން އަޚްލާގާއި ތަރުބިއްޔަތާ ގުޅޭގޮތުން ނެރެފައިވާ ފޮތް ސެޓެކެވެ. މި ހަދިޔާއަކީ ސިދާ ކޮމިޝަނުގެ ރައީސް މަދަރުސާތަކުގެ ދަރިވަރުންގެ އަޚްލާގީ ފެންވަރުމަތިކޮށް ރަނގަޅު ތަރުބިއްޔަތެއްގައި ކިޔަވައިދިނުމަށް ބާރު އެޅުމަށް ދެއްވި ހަދިޔާއެކެވެ.


ފަހުގެ ޚަބަރުތައް

ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް