ޑިޒާސްޓަރ މެނޭޖްމަންޓް އާއި ރައީސް އޮފީހުގެ ޕްލޭނިންގ ޑިވިޝަން އާއެކު މަޝްވަރާކުރެވިއްޖެ

23 ޖޫން 2020ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ) އާއި ރައީސުލްޖުމްހުރިއްޔާ އޮފީހުގެ ސްޓްރެޓެޖިކް ޕްލޭނިންގ ޑިވިޝަންގެ ބޭފުޅުންނާއެކު ސިވިލް ސަރވިސް ކޮމިޝަނުން މިއަދު މަޝްވަރާ ބައްދަލުވުންތަކެއް ބާއްވައިފިއެވެ. ފުރަތަމަ ބައްދަލުވުމެއްގެ ގޮތުގައި މިއަދު ހެނދުނު ބޭއްވުނީ އަތޮޅު އަދި ސިޓީ ކައުންސިލްތަކުގެ ވަގުތީ ސެކެޓްރީ ޖެނެރަލުންނާއެކު ބޭއްވުނު މަޝްވަރާބައްދަލުވުމެކެވެ.  ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް ރިޔާސަތު ބެލެހެއްޓެވި މި ބައްދަލުވުން ބޭއްވުނީ އޯޑިއޯ/ވީޑިއޯ ކޮންފަރެންސް ގެ ޒަރިއްޔާއިންނެވެ.
މި ބައްދަލުވުމުގައި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ފަރާތުން މަޢުލޫމާތު ހިއްސާކުރައްވަވައި މަޝްވަރާ ކުރެވުނީ ކޮވިޑް 19 ގެ ރޯގާ އާއި ގުޅިގެން އެން.ޑީ.އެމް.އޭ ގެ ފަރާތުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ސިވިލް ސަރވިސްގެ އިދާރާތަކަށް ވެދެވެން އޮތް އެހީތެރިކަމާ ގުޅޭގޮތުންނެވެ. މިކަންކަމުގެ މައުލޫމާތު ހިއްސާކޮށްދެއްވުމުގެ ގޮތުން މިއަދު ހެނދުނު ބޭއްވުނު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ އެން.ޑީ.އެމް.އޭ ގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން އަދި ޑިރެކްޓަރ ޖެނެރަލް ސޮފީނާޒް ހަސަންއެވެ.
ކޮވިޑް 19 ގެ ރޯގާ ކޮންޓްރޯލްކޮށް ރާއްޖޭގައި ފެތުރުނަނުދިނުމަށް ޓަކައި ސަރުކާރުން އެންމެ އިސް މުއައްސަސާއެއްގެ ގޮތުން ހަމަޖެއްސެވީ އެން.ޑީ.އެމް.އޭ ކަމުގައިވުމުން 1 މާރިޗު 2020 އިން ފެށިގެން ދަރުބާރުގޭގައި ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރެއް ގާއިމުކޮށް ދައުލަތުގެ ގިނަ މުއައްސަސާތަކަކާއެކު 1769 މުވައްޒަފަކު މަސައްކަތް ކުރަމުންދާ ކަމަށާއި 30 ތަނެއް ގައި 2030 ކޮޓަރި އައިސޮލޭޝަން އަދި ކަރަންޓީނު ކުރެވޭ ތަންތަންކަމުގައި ހަމަޖައްސައި މަސައްކަތްކުރެވެމުން ދާކަމުގައި ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވިއެވެ. އެން.އީ.އޯ.ސީ ގެ ފަރާތުން ބަލިޖެހޭމީހުން އެކަހެރިކުރުމާއި، އެމީހުނާއި ކައިރިން މުއާމަލާތް ކުރެވިފައިވާ ފަރާތްތައް ކަރަންޓީނުކުރުމާއި، ރޯގާ އަށް ޗެކުކުރުމަށް ސާމްޕަލް ނެގުމާއި ޓެސްޓްތައް ހެދުމާއި އަދި ބަލިމީހުނާއި ކަރަންޓީނުކުރެވޭ މީހުން ތަންތަނަށް ގެންދިއުމާއި މީހުންތިބޭ ތަންތަނުގައި ކެއިންބުއިން ލިބިދިނުން އިންތިޒާމް ކުރުމާއި ސަލާމަތީ ކަންކަން ބެލެހެއްޓުންފަދަ ކަންތައްތައް ކުރަމުންގެންދާ ކަމަށާއި މިކަންކަމަކީ ރޯގާ އާއި ގުޅިގެން ރެޕިޑް ރެސްޕޯންސް ގެ ގޮތުން ކުރެވޭ ކަންކަމާއި މިކަންކަމުގެ ހަރަދުތައް ކުރަމުންދަނީ އެން.ޑީ.އެމް.އޭ އިން ކަމުގައިވެސް ހިސާން ހަސަން ހާމަކުރެއްވެވިއެވެ.
މިބައްދަލުވުމުގައި އެން.ޑީ.އެމް.އޭ ގެ ދައުރަކީ ކޮބައި ކަމާއި ކާރިސާތައް އިޖާބަދިނުމަށް ކަންކަން ރޭވިކުރިއަށް ގެންދެވޭގޮތާ ގުޅޭގޮތުން ޕަވަރޕޮއިންޓް ޕްރެޒެންޓޭޝަނެއް ވެސް ދެއްވެވިއެވެ. އެއަށްފަހު އަތޮޅު އަދި ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލް އިން ކުރެއްވެވި ސުވާލުތަކަށް ޖަވާބުދެއްވެވިއެވެ.
މެންދުރުފަހު 1 ޖެހިއިރު ދެން ބޭއްވުނު ބައްދަލުވުމަކީ މިނިސްޓްރީތަކުގެ ޕަރމަނަންޓް ސެކްރެޓަރީންނާއި ކޮމިޝަނުގެ މެންބަރުން ހިމެނިވަޑައިގަންނަވާ އެޑްވައިޒަރީ ކޮމިޓީގެ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައިވެސް ކުރިން ބޭއްވުނު ބައްދަލުވުމެކޭ އެއްގޮތަށް އެން.ޑީ.އެމް.އޭ ގެ ފަރާތުން މަޢުލޫމާތު ހިއްސާކުރުން އޮތެވެ. މީގެ އިތުރުން އެޑްވައިޒަރީ ކޮމިޓީގެ ބައްދަލުވުމުގައި ރައީސުލްޖުމްހުރިއްޔާގެ އޮފީހުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނަށް ކޮވިޑް 19 ގެ ރޯގާ އާގުޅިގެން ގެނެވޭ ބަދަލުތަކާއި އަދި އެޑްވައިޒަރީ ކޮމިޓީގެ އިނޮވޭޝަން ސަބްކޮމިޓީ އިން ކުރިއަށް ދުވަސްތަކުގައި ޚަރަދުތައް ކުޑަކުރުމަށާއި އީޖާދީކަންކަން ތަޢާރަފް ކުރުމަށް ރޭވެމުންދާ ކަންކަމާގުޅޭގޮތުން މަޝްވަރާކުރުން ބޭއްވުނެވެ.
މި ބައްދަލުވުމުގައި ސްޓްރެޓެޖިކް ޕްލޭނިންގ ޑިވިޝަނުގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ އަންޑަރ ސެކްރެޓަރީ އާއިޝަތު ޝިފާނާ އާއި ޢާއިޝަތު ޝަފީނާޒް މޫސާ އެވެ. މިބޭފުޅުން ނެޝަނަލް ސްޓްރެޓެޖިކް އެކްޝަން ޕްލޭނާ ބެހޭގޮތުން މަޢުލޫމާތު ބަދަލު ކުރެވުމަށްފަހު ދެން ކުރިއަށްގެންދެވުނީ އެޑްވައިޒަރީ ސަބްކޮމިޓީއިން ޚަރަދުކުޑަކުރުމަށާއި ހިންގުން ހަރުދަނާކޮށް ހިދުމަތުގެ ފެންވަރު މަތިކޮށް އަވަސްކޮށް ފޯރުކޮށްދިނުމަށް ޓަކައި ތަޢާރަފްކުރުމަށްބަލާ އީޖާދީ ކަންކަމާގުޅޭގޮތުން ކުރެވެމުންދާ ދިރާސާ އާ އެއްކުރެވިފައިވާ ޚިޔާލުތައް ރައީސް އޮފީހުގެ ބޭފުޅުންނާއި ހިއްސާކުރުމުގެ ގޮތުން ހުށަހެޅުނު ޕަވަރޕޮއިންޓް ޕްރެޒެންޓޭޝަނެކެވެ. މި ޕްރެޒެންޓޭޝަން ހުށަހަޅުއްވައިދެއްވެވީ ސަބް ކޮމިޓީގެ މުގައްރިރު މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ޕަރމަނަންޓް ސެކްރެޓަރީ ފާތިމަތު ހިލްމީ އެވެ. ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ އާއިޝަތު ޝިފާނާ ސަބްކޮމިޓީގެ މަސައްކަތަށް ތައުރީފު ކުރައްވަވައި އެކަމަށް ތަރުހީބު ދެއްވެވިއެވެ. އަދި މި މަސައްކަތްތައް މިހާރު ކުރިއަށްގެންދެވޭ ނޭޝަނަލް ސްޓްރެޓެޖިކް އެކްޝަން ޕްލޭނާއި ގުޅުވާލައިގެން އޭގައިވާ ލަނޑުދަނޑިތައް ހާސިލުކުރެވޭ ގޮތަށް ވިސްނުންފުޅު ބަހައްޓަވައި މުޅިންއާ އެއްޗަކަށް ނުހައްދަވައި ކުރިއަށް ވަޑައިގެންދެއްވުމަށް ލަފާދެއްވެވިއެވެ. އިނޮވޭޝަން ސަބް ކޮމިޓީ އިން އަމާޒު ހިފާފައިވާ ކަންކަން ބިނާކުރައްވާފައިވަނީ މައިގަނޑު 4 ބަޔަކަށެވެ. އެއީ މިހާރު ލިބިފައިވާ ތަޖްރިބާ ބޭނުންކުރުމާއި ޚަރަދު ކުޑަކުރުމާއި، ޑިޖިޓަލައިޒޭޝަން ކުރިއެރުވުމާއި، އަދި ޚިދުމަތުގެ ފެންވަރު މަތިކުރުމެވެ.


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ޗެޓް ބޮޓް