ހެލްތު މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ ކަމަށް އައިޝަތު ސާމިޔާ އައްޔަނުކުރައްވައިފި

10 އޯގަސްޓް 2020މިނިސްޓްރީ އޮފް ހެލްތުގެ ޕަރމަނަންޓް ސެކްރެޓަރީ ކަމަށް އަލްފާޟިލާ އާއިޝަތު ސާމިޔާ މިއަދު ސިވިލް ސަރވިސް ކޮމިޝަނުން އައްޔަނު ކުރައްވައިފިއެވެ. ވީޑިއޯ ކޮންފަރެންސްގެ ޒަރިއްޔާއިން ބޭއްވުނު ރަސްމިއްޔާތެއްގައި، ޕީއެސް ގެ މަގާމަށް ސާމިޔާ އައްޔަން ކުރެއްވީ ސިވިލް ސަރވިސް ކޮމިޝަނުގެ މެމްބަރ ފާތިމަތު އާމިރާއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ މިނިސްޓަރ އޮފް ހެލްތު އަހުމަދު އަމީން އެވެ.
އަލްފާޟިލާ އައިޝަތު ސާމިޔާ އަކީ 2017 ވަނަ އަހަރުގައި ކެނެޑާގެ ޑަލްހައުސީ ޔުނިވަރސިޓީ އިން މާސްޓަރ އޮފް ހެލްތު ސާރވިސަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ. އަދި މީގެ އިތުރުން އޮސްޓްރޭލިޔާގެ ކާރޓިން ޔުނިވަރސިޓީއިން ބެޗެލަރ އޮފް ހެލްތު އިންފޮރމޭޝަން މެނޭޖްމަންޓްގެ ދާއިރާއިން ވެސް ތަޢުލީމު ޙާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

ސިއްޙީ ދާއިރާގެ ކަންކަމުގައި މަސްޢޫލުވެއުޅުއްވާތާ 21 އަހަރު ވެފައިވާއިރު، ވަޒީފާގެ މައިދާނުގައި މި ދާއިރާއިން އެންމެ ފުރަތަމަ އަދާ ކުރައްވަން ފެއްޓެވީ 1998 ވަނަ އަހަރު އައި.ޖީ.އެމް.އެޗްގެ ޕަބްލިކް ރިލޭޝަންސް އޮފިސަރެއްގެ މަޤާމެވެ. އޭގެ ފަހުން އައި.ޖީ.އެމް.އެޗް އަދި މިނިސްޓްރީ އޮފް ހެލްތުގެ އެކިއެކި ޑިޕާރޓްމަންޓުތަކުގެ ސީނިޔަރ މަޤާމުތައް ވަނީ ސާމިޔާ ފުރުއްވާފައެވެ. މިގޮތުން މިނިސްޓްރީ އޮފް ހެލްތުގެ ޑިޕާރޓްމަންޓް އޮފް މެޑިކަލް ސާރވިސަސްގެ އެސިސްޓަންޓް ޑިރެކްޓަރ ކަމާއި، މިނިސްޓްރީ އޮފް ހެލްތުގެ ޕޮލިސީ ޕްލޭނިންގ އެންޑް ހެލްތު އިންފޮރމޭޝަން ޑިވިޜަނުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގެ މަސްޢޫލިއްޔަތުތައް އަދާ ކުރައްވާފައިވެއެވެ. މީގެ އިތުރުން 2010 ވަނަ އަހަރުން ފެށިގެން ނެޝަނަލް ހެލްތު ރިސާރޗް ކޮމިޓީ އަދި ނެޝަނަލް ހެލްތު ކައުންސިލްގެ މެމްބަރެއްގެ މަސްއޫލިއްޔަތުތައް ވެސް ވަނީ އަދާކުރައްވާފައިއެވެ.

ޕީއެސް މަޤާމަށް ސާމިޔާ އައްޔަނު ކުރެއްވުމަށްފަހު، މި މަޤާމު ކާމިޔާބު ކުރެއްވި ކަމަށްޓަކައި ސާމިޔާ އަށް މަރުޙަބާ ދަންނަވައި އޭނަގެ މަސްއޫލިއްޔަތާއި ވާޖިބުތަކަކީ ކޮބައިކަން ބަޔާންކޮށް ދެއްވަވައި ކޮމިޝަނުގެ މެމްބަރ ފާތިމަތު އާމިރާ ވާހަކަފުޅު ދެއްކެވިއެވެ. އަދި ހެލްތު މިނިސްޓަރުގެ ލަފަޔާއެކު، މިނިސްޓްރީ އޮފް ހެލްތުގައި ވެރިންގެ ގޮތުގައި މަސައްކަތްކުރައްވާ ސިޔާސީ ބޭފުޅުންނާއި ސިވިލް ސަރވަންޓުންނާއި ގުޅިގެން ކަންކަން ފަހިކޮށްދެއްވާ ސިވިލް ސަރވިސްގެ ގަވާއިދާއި ގުޅުންހުރި ޤާނޫނުތަކާ އެއްގޮތަށް މަސައްކަތްކޮށް ދެއްވުމަށް އެދިވަޑައިގެންނެވިއެވެ.


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ޗެޓް ބޮޓް