މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް އަޙްމަދު ޢަދީލް އައްޔަނުކުރައްވައިފި

15 ފެބްރުއަރީ 2022



މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޕަރމަނަންޓް ސެކްރެޓަރީ ކަމަށް އަލްފާޟިލް އަޙްމަދު ޢަދީލް (ގަހާ، ކ.ކާށިދޫ) ސިވިލް ސަރވިސް ކޮމިޝަނުން އައްޔަނު ކުރައްވައިފިއެވެ. އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވުނު ރަސްމިއްޔާތުގައި ޕަރމަނަންޓް ސެކްރެޓަރީ (ޕީއެސް) ގެ މަޤާމަށް އަޙްމަދު ޢަދީލް އައްޔަންކުރެއްވީ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް އަލްފާޟިލް މުޙައްމަދު ނާޞިހް އެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ މިނިސްޓަރ އޮފް އިސްލާމީކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު އެވެ.

އަލްފާޟިލް އަޙްމަދު ޢަދީލްއަކީ މާސްޓަރ އޮފް އެޑިޔުކޭޝަން (އެޑިޔުކޭޝަނަލް މެނޭޖްމަންޓް އެންޑް ލީޑަރޝިޕް) ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ. ވަޒީފާގެ މައިދާނުގައި އެންމެ ފުރަތަމަ އަދާކުރެއްވީ ކ. އަތޮޅު މަދަރުސާގެ އެކައުންޓްސް ޓީޗަރުގެ މަޤާމެވެ. 2004 އިން 2017 ގެ ނިޔަލަށް އެ ސްކޫލުގެ ތަފާތު މަޤާމުތަކުގައި މަސައްކަތް ކުރެއްވިއެވެ. އެ މުއްދަތުގައި އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި ސެކަންޑްރީ ޓީޗަރުގެ އިތުރުން ގްރޭޖުއޭޓް ލީޑިންގ ޓީޗަރގެ މަޤާމާއި، ޑެޕިޔުޓީ ޕްރިންސިޕަލްގެ މަޤާމު ހިމެނެއެވެ. މާސްޓާރސް ޑިގްރީ ހާސިލުކުރެއްވުމަށްފަހު 2017 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރުގެ ނިޔަލަށް މަސައްކަތްކުރެއްވީ ރ. ދުވާފަރު ޕްރައިމަރީ ސްކޫލުގެ ޕްރިންސިޕަލްގެ މަޤާމުގައެވެ. 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން 2022 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ 14 ވަނަ ދުވަހާ ހަމައަށް ޚިދުމަތް ކުރެއްވީ ކ. ގުޅީ ސްކޫލުގެ ޕްރިންސިޕަލްގެ މަޤާމުގައެވެ.

ތަޢުލީމީ ދާއިރާގެ މަސައްކަތްތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ އައު ޤައުމީ މަންހަޖަށް މުދައްރިސުން އަހުލުވެރިކުރުމަށްޓަކައި، ޓްރެއިނަރެއްގެ ގޮތުން، އެ ކަރިކިއުލަމް ތަންފީޒުކުރެވެން ފެށީއްސުރެ ހަރަކާތްތެރިވެލެއްވިއެވެ. މީގެ އިތުރުން 2017 އަދި 2018 ވަނަ އަހަރު ޤައުމީ ޔުނިވަސިޓީ އަދި އެހެނިހެން ބައެއް ކޮލެޖްތަކުގައި ޕާޓު-ޓައިމް ލެކްޗަރަރ އެއްގެ ގޮތުގައި އަޙްމަދު ޢަދީލް ވަނީ މެތަމެޓިކްސް، އެޑިޔުކޭޝަން، މެނޭޖްމަންޓު އަދި ސައިކޮލޮޖީގެ އެކިއެކި މާއްދާތައް ސެޓްފިކެޓް 4، ޑިޕްލޮމާ އަދި ޑިގްރީ ފެންވަރުގެ ކޯސްތަކުގައި ކިޔަވައި ދެއްވާފައެވެ. އަދި 2021 ވަނަ އަހަރުން ފެށިގެން ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގެ ބައެއް ޓްރެއިނިންގތަކުގައި އެކްސްޓަރނަލް ޓްރެއިނަރެއްގެ ގޮތުން ޢަދީލް ދަނީ މަސައްކަތް ކުރައްވަމުންނެވެ.

ޕީއެސް މަޤާމަށް ޢަދީލް އައްޔަނު ކުރެއްވުމަށްފަހު، މި މަޤާމު ކާމިޔާބު ކުރެއްވި ކަމަށްޓަކައި އަދީލް އަށް މަރުޙަބާ ދަންނަވައި ޕީ.އެސް ގެ މަސްއޫލިއްޔަތާއި ވާޖިބުތަކަކީ ކޮބައިކަން ބަޔާންކޮށް ދެއްވައި ކޮމިޝަނުގެ ރައީސް ވާހަކަފުޅު ދެއްކެވިއެވެ. އަދި އިސްލާމިކް މިނިސްޓަރުގެ ލަފަޔާއެކު، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ސިޔާސީ ބޭފުޅުންނާއި ސިވިލް ސަރވިސް މުވައްޒަފުންނާ ގުޅިގެން ކަންކަން ފަހިކޮށްދެއްވައި ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދާއި އެއްގޮތަށް މަސައްކަތްކޮށް ދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރުގެ ވާހަކަފުޅުގައި ބާރުއަޅުއްވާފައިވަނީ މަސައްކަތްކުރުމުގައި ސިވިލް ސަރވިސް މުވައްޒަފުންގެ ޙައްޤުތައް ހިމާޔަތްކޮށް، ހަޢްޤުތައް ނުގެއްލޭނެހެން ކަންކަން ކުރިއަށް ގެންދިއުމަށާއި މިނިސްޓަރާއި ގުޅިގެން ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް މަސައްކަތްކުރުމަށް އެދިވަޑައިގެންނެވިއެވެ. އަދި މިނިސްޓަރުގެ ފަރާތުން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެކަމުގެ ޔަޤީންކަން ދެއްވެވިއެވެ.

ޕީއެސް ގެ ވާހަކަފުޅުގައި މިނިސްޓްރީގެ ހިންގުން ހަރުދަނާކޮށް ޚިދުމަތުގެ ފެންވަރު މަތިކުރުމަށް މިނިސްޓަރުގެ ލަފާގެ މަތިން ހިތްވަރާއެކު މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން އެރުވިއެވެ.

 
 

ފަހުގެ ޚަބަރުތައް

ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް