28 އޭޕްރީލް 2022

ދިވެހި ސިވިލް ސަރވިސް މުވައްޒަފުންގެ ހުނަރާއި ޤާބިލްކަން އިތުރުކުރުމުގެ ގޮތުން އިންޑިއާގެ "ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް" އިން ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށް، ދިވެހި ސިވިލް ސަރވިސްގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ 40 މުވައްޒަފަކު އިންޑިއާއަށް ފުރުމަށް ތައްޔާރުވެއްޖެއެވެ.
"ޓްރެއިނިންގ ޕްރޮގްރާމް އިން ފީލްޑް އެޑްމިނިސްޓްރޭޝަން ފޮރ ސިވިލް ސަރވެންޓްސް އޮފް މޯލްޑިވްސް" ގެ ނަމުގައި މެއި 9 އިން 21 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ތަމްރީނު ޕްރޮގްރާމްގައި، އިންޑިއާގެ ސިވިލް ސަރވިސް އާ ބެހޭގޮތުންނާއި، އިޤްތިޞާދީ، އިޖްތިމާޢީ، ތިމާވެށި އަދި އެކި އެކި ސިޔާސަތުތަކާ ގުޅޭ މައުލޫމާތު ސެޝަންތައް ހިމެނިގެންދާނެއެވެ. މި ތަމްރީނު ޕްރޮގްރާމްގެ ސެޝަންތައް ނަންގަވައިދެއްވާނީ ކަމާގުޅޭ ދާއިރާތަކުގެ ތަޖުރިބާހުރި މާހިރުންނެވެ.
މި ތަމްރީނު ދަތުރުގެ ފުރަތަމަ ހަފުތާ ބައިވެރިން ހޭދަކުރުމަށް ހަމަޖެހިފައިވަނީ މަސޫރީ، އުއްތަރުކަންޑުގައި ހުންނަ ޝަރަފުވެރި ލާލް ބަހާދުރް ޝާސްތްރީ ނޭޝަނަލް އެކެޑަމީގައެވެ. މި އެކެޑަމީ އަކީ އިންޑިއާގެ ސިވިލް ސަރވިސް މުވައްޒަފުން ތަމްރީނު ކުރާ މައި މަރުކަޒެވެ. އަދި ދެވަނަ ހަފްތާގެ ސެޝަންތައް ކުރިއަށް ގެންދެވޭނީ ދިއްލީގައެވެ.
މިއަދު ސިވިލް ސަރވިސް ކޮމިޝަނުގައި ބޭއްވުނު ރަސްމިއްޔާތުގައި ކޮމިޝަނުގެ ރައީސް އަލްފާޟިލް މުޙައްމަދު ނާޝިހު އަދި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު މުނު މަހާވަރް ވަނީ ދަތުރުގެ ބައިވެރިންނާ މުހާތަބުކޮށް ވާހަކަފުޅު ދައްކަވާފައެވެ. ކޮމިޝަނުގެ ރައީސްގެ ފާހަކަފުޅުގައި، ސިވިލް ސަރވިސް ކުރިއަރުވައި ތަރައްޤީކުރެވޭނީ، ހުނަރުވެރި އިޖާދީ ކަންކަމަށް އިސްކަންދޭ މުވައްޒަފުންތަކެއް އުފެދިގެން ކަމަށްވާތީ، މިފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުވާލައްވާފައިވެއެވެ. އަދި ފުރުސަތުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފައި، ދަތުރުގެ ތަޖުރިބާއާއެކު ޤައުމީ ތަރައްޤީ އަށް މަސައްކަތްކުރެއްވުމަށްވެސް ބައިވެރިންނަށް ހިއްވަރުދެއްވާފައިވެއެވެ.
ސަފީރު ގެ ވާހަކަފުޅުގައި މިއީ ދިވެހި ސިވިލް ސަރވިސް މުވައްޒަފުންނަށް، ތަޖުރިބާ ޙާސިލުކުރުމަށް ލިބިގެންދާ ވަރަށް ރަނގަޅު ފުރުސަތެއްކަން އަދި ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން މިފަދަ ތަމްރީނުތައް ސިވިލް ސަރވިސް ކޮމިޝަނާއި ގުޅިގެން ކުރިއަށް ގެންދާނެކަންވެސް ފާހަގަކުރައްވާފައިވެއެވެ.
މިއީ، ދިވެހި ސިވިލް ސަރވިސް މުވައްޒަފުން ތަމްރީނު ކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން 2019 ވަނަ އަހަރު އެން.ސީ.ޖީ.ޖީ އާއެކު ސޮއިކުރެވުނު އެމް.އޯ.ޔޫގެ ދަށުން މި ތަމްރީނުގައި ބައިވެރިވުމަށް އިންޑިއާއަށް ފުރާ 11 ވަނަ ބެޗެވެ. މި އެމްއޯޔޫގެ ދަށުން ފަސް އަހަރު ދުވަހުގެ ތެރޭގައި ސިވިލް ސަރވިސްގެ އެއްހާސް މުވައްޒަފުން ތަމްރީނު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ފަހުގެ ޚަބަރުތައް

ތަމްރީނާއި ތަޖުރިބާ ހާޞިލުކުރުމަށް ދިވެހި ސިވިލް ސަރވިސްގެ ޓީމެއް އިންޑިއާ އަށް
07 މެއި 2022

އިންޑިއާގައި ބޭއްވޭ ތަމްރީނަށްފުރާ ސިވިލް ސަރވަންޓުންނާ އިންޑިއާ އެމްބެސެޑަރ ބައްދަލުކުރައްވައިފި
28 އޭޕްރީލް 2022
-02.jpeg)
މިނިސްޓްރީ އޮފް ފިނޭންސްގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް އަޙްމަދު ސިރާޖް
27 އޭޕްރީލް 2022

ރިއަލް ޓައިމްކޮށް ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލޭނެ ނިޒާމެއް ތަޢާރަފްކޮށްފި
18 އޭޕްރީލް 2022

އެޓޯލް ޓްރެއިނަރުންގެ ގޮތުގައި މަސައްކަތްކުރާނެ ފަރާތްތަކަށް ހިންގާ "ޓްރެއިނިންގ އޮފް ޓްރެއިނަރސް ޕްރޮގްރާމް" މިއަދު އިފްތިތާހްކޮށްދެއްވައިފި
28 މާޗް 2022