07 ޑިސެމްބަރ 2023
ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ވަޒީފާއާބެހޭ މަސައްކަތްތައް ކުރުމަށް ބޭނުންކުރަމުންދާ ސޮފްޓްވެއަރ "ސީއެސްވިއުގަ" ގެ އީ-ރެކްރޫޓްމަންޓް މެނޭޖްމަންޓް މޮޑިއުލް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތު، 2023 ޑިސެންބަރު 07 ވީ ބުރާސްފަތި ދުވަހު ވަނީ ބޭއްވިފައެވެ.
މިއީ، ދިވެހި ސިވިލް ސަރވިސް މުވައްޒަފުންގެ ވަޒީފާ ހަމަޖެއްސުމަށް މިހާރު ބޭނުންކުރަމުންދާ "ސީއެސްވިއުގަ" މެދުވެރިކޮށް ވަޒީފާ ހަމަޖެއްސުމުގެ ހުރިހާ މަރުހަލާތަކެއް އޮންލައިންކޮށް ކުރިއަށްގެންދެވޭނެގޮތް ހެދުމަށް ފަރުމާކުރެވުނު "އީ-ރެކްރޫޓްމަންޓް މެނޭޖްމަންޓް މޮޑިއުލް" އިފްތިތާޙުކުރުމަށް ބޭއްވުނު ރަސްމިއްޔާތެކެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޯދުމާއި އައްޔަންކުރުމުގެ މަރުޙަލާތަކުގެ ތެރެއިން، މަޤާމަކަށް އިޢުލާނުކުރުމުން ފެށިގެން، މަޤާމަށް އެންމެ ގާބިލް މީހަކު ހޮވައި އައްޔަންކުރުމުގެ މަސައްކަތް މިއަދާ ހަމަޔަށްވެސް ކުރަމުންގެންދަނީ މެނުއަލްކޮށް، ހާޑްކޮޕީ ބޭނުންކޮށްގެންނެވެ. މިކަމުގެ ސަބަބުން ވަޒީފާއަކަށް އިޢުލާންކުރުމާ ހަމައިން ފެށިގެން ވަޒީފާތަކަށް މީހަކު އައްޔަނުކުރުމާ ހަމައަށް އިދާރާތަކުން ބައެއް ފަހަރު އެކިއެކި ލިޔުންތަކުގައި ޖެހޭ ކުށްތަކުގެ ސަބަބުން އިޢުލާންތައް ބާޠިލްކުރަންޖެހޭ ޙާލަތާ ވެސް ގިނަ ފަހަރަށް ކުރިމަތިވެއެވެ. އަދި އޭގެ ސަބަބުން މުވައްޒަފުން ކުރަންޖެހޭ މަސައްކަތްތައް ބުރަބޮޑުވެ، ގިނަ ވަގުތުތަކެއް މި މަސައްކަތުގައި ހޭދަކުރަންޖެހެއެވެ. އަދި، ވަޒީފާތަކަށް ކުރިމަތިލާ ޢާންމު ރައްޔިތުން ގިނަ ތަކުލީފުތަކެއް އުފުލަންޖެހެއެވެ.
އަލަށް ތަޢާރަފްކުރެވުނު އީ-ރެކްރޫޓްމަންޓް މެނޭޖްމަންޓް މޮޑިއުލްގެ ތެރެއިން މައިއެކައުންޓް މެދުވެރިކޮށް ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް، އެ ފަރާތެއްގެ ވަޒީފާގެ މަރުހަލާތައް ހިނގަމުންދާ ގޮތުގެ މަޢުލޫމާތު ވަގުތުން ވަގުތަށް ދުވަހުން ދުވަހަށް ލިބޭނެއެވެ. މީގެ ސަބަބުން ވަޒީފާގެ މަރުހަލާ ހިނގަމުންދާ ގޮތާއި، މަރުހަލާ ގޮސްފައި އޮތް ހިސާބު ނޭނގިގެން ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އިދާރާތަކަށާއި ކޮމިޝަނަށް ކުރަމުންދާ މުޢާމަލާތުތައް މަދުވެ، އެ ކަމަށް އެ ފަރާތްތަކުން އުފުލަންޖެހޭ ދަތިއުދަނގޫތައް ހައްލުވެގެންދާނެއެވެ.
އަދި މި މޮޑިއުލްއާއެކު، އިދާރާތަކުން ވަޒީފާތަކަށް މީހުން ހޯދުމާއި އައްޔަންކުރުމުގެ މަރުޙަލާތަކުގައި އާންމު ގޮތެއްގައި ހެދޭ ކުށްތައް ވެސް މަދުވެގެންދާނެއެވެ. އެގޮތުން، އިޢުލާނު މެނުއަލްކޮށް ތައްޔާރުކުރުމުގައި މިހާރު އިދާރާތަކުން ހެދޭ ކުށްތައް ހެދުމުގެ ފުރުޞަތު ކުޑަވެ، ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ދެނެގަތުމަށްޓަކައި ތައްޔާރުކުރެވޭ އޭ2 ޝީޓްގެ ކަލްކިއުލޭޝަން ހެދުމުގައި އިދާރާތަކުން ހެދޭ ކުށްތަކުގެ ފުރުޞަތު ކުޑަވެގެންދެއެވެ. މިކަމުގެ ސަބަބުން ވަޒީފާއަށް އެންމެ ގާބިލް ފަރާތް ހޮވުމުގެ ޔަޤީންކަން އިތުރުވެ، އިޢުލާނުތައް ބާޠިލްކުރަންޖެހޭ މިންވަރު މަދުވެގެންދާނެއެވެ. އަދި ހަމައެއާއެކު، ވަޒީފާއަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ތަޢުލީމީ ސަނަދާއި ތަޖުރިބާގެ ލިޔުންތައް ސިސްޓަމަށް އެޅުމަށް ފަހު، އޭގެ ފަހުން ކުރިމަތިލާ އެހެން ވަޒީފާތަކަށް ކުރިމަތިލުމަށް އަލުން އެ ލިޔުންތައް ސިސްޓަމަށް އަޅަންނުޖެހި، މަސައްކަތް ވަރަށް ބޮޑަށް ލުއިވެ، އެ ކަމަށް ހޭދަކުރަންޖެހޭ ވަގުތު ސަލާމަތްކުރެވިގެންދާނެއެވެ.
މިއީ، ފުރިހަމަ ޑިޖިޓަލް ހިއުމަން ރިސޯސް މެނޭޖްމަންޓް ސިސްޓަމެއް ޤާއިމުކުރުމަށް މި ކޮމިޝަނުން ކުރަމުންގެންދާ ދުރު ރާސްތާ ޕްލޭނުގައި އެޅިގެންދާ ވަރަށް މުހިއްމު ފިޔަވަޅެކެވެ. ކުރިމަގުގައި މި މޮޑިއުލް އިތުރަށް ތަރައްޤީކުރެވި ސިސްޓަމުގެ ތެރެއިން އިމްތިޙާނުކުރެވޭ ގޮތާއި، އިންޓަރވިއު ޕެނެލް އެކުލަވާލުމުގެ ކަންތައްތައް އޮޓޮމެޓިކުން ހަމަޖެހޭނެގޮތާއި އަދިވެސް މި ސިސްޓަމް އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ އިތުރު މަސައްކަތްތައް ކުރުމަށްވަނީ ހަމަޖެހިފައެވެ.
ފަހުގެ ޚަބަރުތައް
ސިވިލް ސަރވިސް އިދާރާތަކުން ފޯރުކޮށްދޭ ޚިދުމަތްތަކާމެދު އާންމު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ފަރުމާކުރެވިފައިވާ އޮންލައިން ނިޒާމެއް އިދާރާތަކުގައި ތައާރަފުކުރުމަށް ކޮމިޝަނުން ނިންމައިފި
31 ޑިސެމްބަރ 2023
ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ވަޒީފާއާބެހޭ މަސައްކަތްތައް އޮންލައިންކޮށް ކުރުމަށް ފަރުމާކުރެވުނު މޮޑިއުލް އިފްތިތާޙުކޮށްފި
07 ޑިސެމްބަރ 2023
ވެރިކަން ބަދަލުވުމުގެ މަރުޙަލާގެ އެންމެހާ ކަންތައްތައް އިންތިޒާމުކޮށް ބެލެހެއްޓުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަނުގެ މަޤާމަށް އަލްފާޟިލް ޢަބްދުއްރަހީމް އަބްދުﷲ، އަރާއިރު / ލ. ފޮނަދޫ، ހަމަޖައްސަވައިފި
05 އޮކްޓޯބަރ 2023
އިންޑިއާގައި ބޭއްވޭ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް ސިވިލް ސަރވިސްގެ ވަފުދެއް އިންޑިއާއަށް ފުރައިފި
30 އޮކްޓޯބަރ 2022
ތަމްރީނާއި ތަޖްރިބާ ހާޞލުކުރުމަށް ދިވެހި ސިވިލް ސަރވިސްގެ ވަފުދެއް އިންޑިއާ އަށް
24 ޖުލައި 2022